ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރަނގަޅުވާ މީހުންނަށް އަލުން މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވާ ކަމަށް ބުނާ މައްސަލައެއް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ޑަބްލިއުއެޗްއޯ އިން މި ތަހުޤީޤު ފަށައި އެކަން ހާމަކޮށްފައި މިވަނީ، ދެކުނު ކޮރެއާއިން ކޮވިޑް-19 ޖެހުނު ގިނަ އަދަދެއްގެ ބަޔަކު ބަލިން ރަނގަޅުވުމަށްފަހު، އަނެއްކާވެސް ބައްޔަށް ފައްސިވެފައިވާ ކަމަށް އެޤައުމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ދެކުނު ކޮރެއާގެ ސިއްޙީ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެޤައުމުން ކޮވިޑް-19 ޖެހިގެން ފަރުވާދިން 91 މީހަކު ބަލިން ރަނގަޅުވުމަށްފަހު ހެދި ޓެސްޓުތައް ނައްސި (ނެގެޓިވް) ވިނަމަވެސް، ފަހުން ބަލީގެ އަލާމާތްތައް އަނެއްކާވެސް ފެންނާތީ ޓެސްޓު ހެދިއިރު، މިބައްޔަށް ފައްސި ވެފައިވާ ކަމަށެވެ. އެޤައުމުގެ އޮފިޝަލުން މިކަމާއި ގުޅިގެން ބުނެފައިވަނީ، އެ 91 މީހުންނަށް އަލުން ބަލި ޖެހުނީ، ހަށިގަނޑުގެ ތެރޭގައި ހުރި ވައިރަސް އަލުން އުފެދި އާލާވުމުން ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ، ކޮވިޑް-19 އަށް ފަރުވާކުރަމުންދާ މީހަކު، ޓެސްޓު ހެދުމުން އެ ވައިރަސްގެ އަސަރު ހަށިގަނޑުގައި ނެތްކަމަށް ދައްކައި، ޓެސްޓުތަކުން ނައްސިވާން ދިމާވެދާނެ ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެހެންކަމުން ބަލިން އެކީގައި ރަނގަޅުވުމަށްފަހު މިބަލި އަލުން ޖެހުމަކީ ދުރުކަމެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިގޮތަށް ޤަބޫލުކުރެވުނު ކަމުގައި ވީނަމަވެސް ދެކުނު ކޮރެއާއިން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން މިހާރު ފަށާފައިވާ ތަހުޤީޤުގައި، އެޤައުމުން ފެންމަތިވި މައްސަލަތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވައިރަސްގެ އަސަރު އަލުން ހަށިގަނޑަށް ކޮށްފާނެތޯ ބެލުމަށް ކުރަންޖެހޭ ދިރާސާ މަސައްކަތްތައްވެސް ކުރިޔަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ، ކޮވިޑް-19 ޖެހިގެން ޤައުމުތަކުގައި ފަރުވާދޭ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް، ފުރަތަމަ ޓެސްޓުން ދެއްކި ކަމުގައި ވީނަމަވެސް 24 ގަޑިއިރު ފަހުން އިތުރު ޓެސްޓެއް ހަދައި އެކަން ޔަޤީން ކުރުމަށް އިރުޝާދު ދީފައެވެ.