ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 635 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެގެން ފްރާންސުގައި ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން މިއަދު ވެސް އިތުރު 635 މީހަކު މަރުވުމުން، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13832 އަށް އަރާފައެވެ. އެޤައުމަކީ މިހާތަނަށް މި ބަލީގައި ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

މިއަދު ވެސް ފްރާންސުން ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވާއިރު، އޭޤައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވައިރަސް އަށް ފައްސިވެފައި ވަނީ 4785 މީހެކެވެ. މިއާއެކު މިހާރު އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 129654 އަށް އަރާފައެވެ. ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވި ޤައުމަކީވެސް ފްރާންސް އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމި އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފްރާންސްގައި ކޮވިޑް-19 ޖެހިގެން ފަރުވާދިން މީހުންގެ ތެރެއިން މިހާތަނަށް 26391 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 6883 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ފްރާންސް އަކީ ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނުނު ޤައުމެކެވެ. ނަމަވެސް އިއްޔެ އާއި އަޅާބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ބައްޔަށް ފައްސިވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އިއްޔެ އެކަނިވެސް ފްރާންސުން 7120 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 987 މީހަކު މަރުވެފައި ވެއެވެ.