މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޑެންމާކު ފުރަބަންދު ކޮށްފައި އޮތުމަށް ފަހު ލުޔެއް ދިނުމުގެ ގޮތުން ސުކޫލުތަކާއި ޑޭ ކެއާ ސެންޓަރުތައް އަންނަ ބުދަ ދުވަހު ހުޅުވާލުމަށް އެ ގައުމުން ނިންމައިފިއެވެ.

ޑެންމާކުގެ ބޮޑުވަޒީރު މެޓް ފުރެޑުރިކްސެން ވިދާޅުވީީ ސްކޫލާއި ޑޭ ކެއާ ސެންޓަރުތައް ހުޅުވަން ނިންމީ ފާއިތުވެ ދިޔަ ދުވަސްތަކުގައި އެގައުމުން ބަލިޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދުވުމާއި އަދި ހޮސްޕިޓަލުތައް ހަމައަކަށް އެޅުމާ ގުޅިގެން ކަމަށެވެ. ސުކޫލުތައް ހުޅުވި ނަމަވެސް ކެފޭ ރެސްޓޯރެންޓުތައް ބަންދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޓް ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އެންމެން ގުޅިގެން ކަންކަން ކޮށްފިނަމަ މިކަމުން ސަލާމަތްވެވިދާނެ ކަމަށާއި ބައިބައިވެއްޖެ ނަމަ ހުރިހާ ކަމެއް ގޯހުން ހިނގައިދާނެ ކަމަށެވެ. ކޮންމެ ފިޔަވަޅެއް އެޅުމުގެ ކުރިން އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކަށް ބަލަންޖެހޭނެ ކަމަށް ވެސް މެޓް ވިދާޅުވިއެވެ.

ޑެންމާކުގެ އިތުރުން މިބަލި ހަލުވިކަމާއެކު ފެތުރެމުންދިޔަ ބައެއް ގައުމުތައް މިހާރު ވަނީ މި ބަލި ކޮންޓްރޯލު ކުރެވި ފުރަބަންދުތައް އުވާލާ މަޑުމަޑުން އާންމު ދިރިއުޅުމަށް ރުޖޫއަވަމުންނެވެ. ނަމަވެސް އަދިވެސް މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނެތުމުގެ ސަބަބުން މި ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

ދުނިޔޭގެ 210 ސަރަހައްދަކުން މި ބަލި ފެނިފައިވާ އިރު މި ބަލި ޖެހުނު މީހުންގެ އަދަދު 1.7 އަށް ވުރެން މައްޗަށް ވަނީ އަރައިފައެވެ. އެއް ލައްކައަށް ވުރެން ގިނަ މީހުން މިހާރު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. ޑެންމާކުން 5،996 މީހުން ވަނީ ކޮވިޑް-19 އަށް ވަނީި ފައްސިވެފައެވެ. އަދި އެ ގައުމުން 260 މީހުން ވަނީ މަރުވެފައެވެ.