ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން، ހަތަރުލައްކަ އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމި އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ވައިރަސް ޖެހިގެން ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 400866 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ގިނަ އަދަދެއްގެ ބަޔަކު މި ނުރައްކާތެރި ވައިރަސް އިން ސަލާމަތްވެފައި ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން، ނުވަތަ ސަރަޙައްދަކުން މި ވައިރަސް ފެނިފައިވާއިރު، ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1767000 އަށް އަރައެވެ. އަދި މި ބަލީގައި މަރުވެ ދިޔަ މީހުންގެ އަދަދު މިހާތަނަށް ވަނީ 108135 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ކޮވިޑް-19 ގެ ބަލިން އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވެފައިވަނީ، އެންމެ ފުރަތަމަ މި ބަލި ފެނުނު ޗައިނާ އިންނެވެ. އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު 81953 މީހުންގެ ތެރެއިން 77525 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ޗައިނާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 3339 އަށް އަރައެވެ. ޗައިނާއަކީ ބަލީގެ ފުރަތަމަ ދުވަސްވަރު، ނުރައްކާ އެންމެ ބޮޑުވި ޤައުމުވެސް މެއެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އައް ފައްސި (ޕޮޒިޓިވް) ވެ، ބަލީގައި މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެމެރިކާއިން މިހާތަނަށް ޖުމްލަ 525559 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، ބަލީގައި އެޤައުމުން އެކަނިވެސް މަރުވި މީހުންގެ އަދަދު 20304 އަށް އަރައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު މިރޭ ހަތަރު ލައްކައަށް އަރާފައި ވާއިރު، މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 50128 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ފެތުރިފައި ވާއިރު، މިހާރު ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ، ފްރާންސް އަދި ސްޕެއިންގެ އިތުރުން ތުރުކީވިލާތް ހިމެނެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ މުޅި ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު