ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އީރާނަށް ކުޑަވަމުން ދާތީ އެޤައުމުގައި ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް ލުއިކޮށް، އެއިން ބައެއް ކަންކަން އުވާލަން ނިންމައިފިއެވެ.

މެދުއިރުމަތިން މި ވައިރަސްގެ ނުރައްކާ މީގެ ކުރިން އެންމެ ބޮޑުވެ، އެ ސަރަޙައްދުން އެންމެ ގިނަ ބަޔަކު މަރުވަމުންދިޔަ ޤައުމެއްގެ ގޮތުގައި އޮތް އީރާނުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ވައިރަސް ޖެހޭ މީހުންނާއި، މި ވައިރަސްގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ.

އީރާނުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ފިޔަވަޅުތައް އަޅައި، އާންމު ތަންތަން ބަންދުކޮށް ފުރަބަންދު ކުރުމަށް ނިންމާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު އާންމު ފަރާތްތަކުން ބޭރަށް ނިކުމެ އުޅުންވެސް ހަފްތާއެއްގެ މުއްދަތަށް މަނާކޮސްފައި ވާއިރު، އެ މުއްދަތު ހަމަވެފައިވަނީ މިއަދުއެވެ.

އީރާނުގައި އެޤައުމުގެ ސަރުކާރުން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު ހަމަވުމުން މިހާރު ބައެއް ސަރުކާރުގެ އޮފީސްތަކާއި އާންމު ޚިދުމަތްދޭ ތަންތަންވެސް ދަނީ ހުޅުވަމުންނެވެ. ނަމަވެސް ކޮންމެހެން ހުޅުވަން ޖެހޭ އިދާރާތަކާއި ވިޔަފާރިތައް ފިޔަވައި އެނޫން ތަންތަން އަދިވެސް ބަންދުކޮށްފައި ބެހެއްޓުމަށް އިދާރާތަކުން ވަނީ އަންގާފައެވެ.

އީރާނުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވެ، ވައިރަސްގެ ނުރައްކާ ކުޑަވަމުންދާއިރު، އެޤައުމުން މި ވައިރަސް ޖެހުނު ގިނަ މީހުން ބަލިން ރަނގަޅުވެފައިވާކަން ވެސް އެޤައުމުގެ އިދާރާތަކުން ވަނީ އިއުލާނުކޮށްފައެވެ. މިހާތަނަށް އީރާނުން ކޮވިޑް-19 ޖެހުނު 70029 މީހުންގެ ތެރެއިން 41947 މީހަކު ވަނީ ރަނގަޅުވެފައެވެ.

އީރާނުން މި ބަލީގައި ޖުމްލަ 4357 މީހަކު ވަނީ މަރުވެފައެވެ. މިހާރު އެޤައުމުގައި މި ވައިރަސް އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 3987 މީހެއްގެ ހާލު ސީރިއަސްއެވެ. އެޤައުމަކީ ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ.