ޗައިނާ އިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު ބުނީ އިއްޔެ އެގައުމުން 99 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ޗައިނާ އިން އެއްވެސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެއް ނުވެއެވެ.

އިއްޔެ އަކީ މާޗް މަހުގެ 06 ވަނަ ދުވަހަށް ފަހު ޗައިނާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ގިނަ ބަޔަކު އިއްޔެ ޗައިނާ އިން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އިއްޔެ ފައްސިވި މީހުންގެ ތެރެއިން 97 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ. ޗައިނާގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް އަރައިގެން އިއްޔެ ފައްސިވެފައި ވަނީ ދެމީހުންނެވެ.

ޗައިނާގެ ހެލްތު ކައުންސިލުން ބުނާ ގޮތުގައި ދެމީހަކު އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގެލޮންޖިއަންގް ޕްރޮވިންސުންނެވެ.

ޗައިނާ އިން އިއްޔެ ވަނީ ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު 49 މީހަކު ފާހަގަ ކުރެވޭ ކަމަށް ވެސް ބުނެފައެވެ. އެއެންމެންނަކީ ވެސް އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވެފައިވާ މީހުންނެވެ.

ކޮވިޑް-19 ގެ ދެވަނަ "ރާޅެއް" އެރުމުގެ ބިރު އެބައޮތް ކަމަށް ޗައިނާ އިން ބުނެއެވެ. ނަމަވެސް އެފަދަ ހާލަތަކަށް ޗައިނާ ވަނީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ. ފިހާރަތަކަަށާއި، ރެއިލްވޭ އަދި ބަސް ސްޓޭޝަންތަކަށް ވަންނައިރު ވެސް ކޮންމެ މީހެއްގެ ހުން ވަކިވަކިން ބަލައެވެ. ކިރިޔާ ހުމުގެ އަލާމާތެއް ހުރި ނަމަވެސް ވަގުތުން އެމީހަކު އެކަހެރި ކުރެއެވެ.

ނަމަވެސް ކޮވިޑް-19 އަކީ އަލާމާތެއް ނުފެނި ވެސް ފެތުރޭ ބައްޔަކަށް ވާތީ ބަލި ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ އިން ގެންދަނީ އަލާމާތެއް ނުފެނުނު ނަމަވެސް ބަލި ޖެހިފައި ހުރެދާނެހެން ހީވާ މީހުން ފާހަގަކޮށް އެމީހުން ވެސް އެކަހެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު