އިންޑިއާ ކަނޑަށް ދެންމެ ބިންހެލުމެއް އަތުވެއްޖެއެވެ. ނަމަވެސް މިބިންހެލުމުގެ ނުރައްކަލެއް ދިވެހިރާއްޖެއަކަށް ނެތެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބިންހެލުން އައިސްފައި ވަނީ 6.1 މެގްނެޓިއުޑްގެ ބާރުމިނުގައި އައްޑޫ ސިޓީގެ ދެކުނުން މިޑް އިންޑިއަން ރިޖްއަށް ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައިސްފައި ވަނީ ރާއްޖޭ ގަޑިން 11:57 ގައެވެ.
ބިންހެލުން އައި ސަރަހައްދާއި އައްޑޫ ސިޓީ އާއި ދެމެދު 4042 ކިލޯމީޓަރުގެ ދުރުމިނެއް އެބަހުއްޓެވެ.
— Maldives Meteorology (@MetMaldives) April 12, 2020
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ފްރާންސްގެ ބާރުގެ ދަށުގައި އޮންނަ އެމްސްޓެޑަމް އައިލެންޑްސް ނަމަކަށް ކިޔާ ރަށްތައް ކައިރިއަށް ކަމަށެވެ. ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާނެ ކަމުގެ އިންޒާރެއް ދީފައެއް ނުވެއެވެ.
ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ވެސް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.