ކޮވިޑް-19 އާއި ގުޅިގެން ރަޝިއާގެ ހާލަތު ގޯސްވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުން ދަނިކޮށް، އެގައުމުގެ ހޮސްޕިޓަލަކަށް ބަލި މީހުން ގޮވައިގެން ދިޔަ ގިނަ އަދަދެއްގެ އެނބިއުލަންސަތަކަށް ހޮސްޕިޓަލަށް ނުވަދެވި ކިއުގައި 15 ގަޑިއިރު މަޑުކުރަން ޖެހިފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ގިނަ އަދަދެއްގެ އެނބިއުލެންސް ކިއުއެއްގައި އަތުރާފައި އޮއްވައެވެ. މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެއީ ވެރިރަށް މޮސްކޯގެ ހޮސްޕިޓަލެއްގެ ބޭރުގައި ހަދާފައިވާ ކިއުއެކެވެ. 45 އެނބިއުލެންސެއް ބަލި މީހުންނާއި އެކު ކިއު ހަދައިގެން އޮތް ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ރަޝިއާގެ ބައެއް މީހުން ޓްވިޓާގައި ބުނީ ގިނަ ބަޔަކަށް ހޮސްޕިޓަލަށް ނުވަދެވި، ބަލި މީހުން އެނބިއުލަންސްތަކުގައި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހުނީ ހޮސްޕިޓަލްގައި ޖާގަ ނެތުމުންނެވެ. ހޮސްޕިޓަލްގެ އެނދުތައް ފުރި، ބަލި މީހުން އެޑްމިޓް ކުރާނެ ތަނެއް ނެތް ކަމަށް ބައެއް މީހުން ޓްވިޓާގައި ބުނެފައި ވެއެވެ. ނަމަވެސް މިކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މޮސްކޯ އާއި އެހެނިހެން ގިނަ ސަރަހައްދުތައް ފުރަބަންްދު (ލޮކްޑައުން) ކޮށްފައި އޮންނަތާ މިހާރު ދެހަފްތާ ދުވަސް ވެއްޖެއެވެ. ނަމަވެސް ރަޝިއާގައި ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވަމުންދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ރަޝިއާ އިން ފައްސިވި މީހުންގެ ޖުމްލަ ވަނީ މިހާރު 15,770 އަށް އަރާފައެވެ. އޭގެ ތެރެއިން 130 މީހުން ވަނީ މަރުވެފައެވެ. އިއްޔެ އަކީ ރަޝިއާ އިން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އިއްޔެ 2186 މީހަކު ވަނީ ފައްސިވެފައެވެ.

ކޮވިޑް-19 ގެ ހާލަތު ރަޝިއާގައި އޮތް ގޮތް ރަޝިއާ ސަރުކާރުން އޮޅުވާލަމުންދާ ކަމުގެ ތުހުމަތު ބައެއް މީހުން ވަނީ މީސް މީޑިއާގައި ކޮށްފައެވެ.