ޗައިނާ އިން ކޮވިޑް-19 އަށް ފާއިތުވި އެއްމަސް ދުވަސް ތެރޭގައި ވެސް ދުވާލަކު މީހުން ފައްސި (ޕޮޒިޓިވް) ނުވާ މިންވަރަކަށް އިއްޔެ މީހުން ފައްސިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ޗައިނާ އިން 108 މީހަކު ފައްސިވިއެވެ. އިއްޔެ އަކީ މާޗް މަހުގެ 05 ވަނަ ދުވަހަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން އެއްދުވަސް ތެރޭގައި ޗައިނާ އިން ފައްސިވި ދުވަހެވެ. އިއްޔެ ޗައިނާ އިން ފައްސިވި މީހުންގެ ތެރެއިން 99 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ.

ދިހަ މީހުންނަކީ ޗައިނާގެ އެތެރެއިން އެކެއްގެ ގައިން އަނެކަކަށް ބަލި ޖެހިފައިވާ މީހުންނެވެ. އޭގެ ތެރެއިން ހަތް މީހުންނަކީ ހެއިލޮންޖިއަންގް ޕްރޮވިންސަށް ނިސަބަތްވާ މީހުންނެވެ. ތިން މީހުންނަކީ ގުއަންޑޮންގް ޕްރޮވިންސަށް ނިސްބަތްވާ މީހުންނެވެ.

ހެއިލޮންޖިއަންގް ޕްރޮވިންސަކީ ރަޝިއާ އާއި ޗައިނާ ގުޅޭ އިމުގައި އޮންނަ ޕްރޮވިންސެކެވެ. ރަޝިއާ އިން ޗައިނާ އަށް އެތެރެވި 49 މީހަކު އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެއެވެ.

އިއްޔެ ޗައިނާ އިން ދެމީހުން މަރުވިއެވެ. އެދެމީހުންނަކީ ވެސް ހުބެއީ ޕްރޮވިންސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދިޔަ ދެމީހުންނެވެ. ޗައިނާގައި މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދާއި، ހާލު ސީރިއަސް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާރު ޗައިނާގައި ފަރުވާ ދެމުން ގެންދަނީ 1,156 މީހަކަށެވެ. ހާލު ސީރިއަސް ތިބީ 121 މީހެކެވެ.

ކޮވިޑް-19 ގެ ދެވަނަ "ރާޅެއް" އެރުމުގެ ބިރު އެބައޮތް ކަމަށް ޗައިނާ އިން ބުނެއެވެ. ނަމަވެސް އެފަދަ ހާލަތަކަށް ޗައިނާ ވަނީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ. ފިހާރަތަކަަށާއި، ރެއިލްވޭ އަދި ބަސް ސްޓޭޝަންތަކަށް ވަންނައިރު ވެސް ކޮންމެ މީހެއްގެ ހުން ވަކިވަކިން ބަލައެވެ. ކިރިޔާ ހުމުގެ އަލާމާތެއް ހުރި ނަމަވެސް ވަގުތުން އެމީހަކު އެކަހެރި ކުރެއެވެ.

ނަމަވެސް ކޮވިޑް-19 އަކީ އަލާމާތެއް ނުފެނި ވެސް ފެތުރޭ ބައްޔަކަށް ވާތީ ބަލި ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ އިން ގެންދަނީ އަލާމާތެއް ނުފެނުނު ނަމަވެސް ބަލި ޖެހިފައި ހުރެދާނެހެން ހީވާ މީހުން ފާހަގަކޮށް އެމީހުން ވެސް އެކަހެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު