ކޮވިޑް-19 ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި ޕާޓީކޮށް، މަޖާ ކުރުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރަމުން ގެންދިޔަ އެމެރިކާގެ ފްލޮރިޑާގެ މީހުންނަށް އެކަމުގެ ނުރައްކާތެރިކަން މިހާރު ފެންނަން ފަށައިފިއެވެ. ފްލޮރިޑާ އިން ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އިތުރު ވާން ފަށާފައެވެ.

ފްލޮރިޑާ އަކީ އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ލަހުން ފިޔަވަޅުތައް އެޅި ސްޓޭޓެވެ. އާއްމުން ގެއިން ނިކުތުން ފްލޮރިޑާގެ ސަރުކާރުން މަނާ ކުރީ މާފަހުންނެވެ. މީހުން ގެއިން ނިކުތުން މަނާ ނުކުރާތީ އާއްމު އުސޫލުން ފްލޮރިޑާގައި ދިޔައީ ޕާޓީތައް ބާއްވާ، އުފަލާއި މަޖާ ކުރުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

ނަމަވެސް ފާއިތުވި ދެތިން ދުވަހު ފްލޮރިޑާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. ފްލޮރިޑާ އިން މިހާތަނަށް 19,895 މީހަކު ފައްސިވެ 461 މީހަކު ވަނީ މަރުވެފައެވެ. ނުވަވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާގެ ސިޓީ އަކީ ފްލޮރިޑާއެވެ.

ފްލޮރިޑާގެ މީހަކު "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނީ ޕާކްތަކާއި ބީޗަށް ދިއުން ސަރުކާރުން މަނާ ނުކުރާތީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އެމީހުންނަށް ނުވިސްނި އޮތީ ކަމަށެވެ.

މިހާރު ފްލޮރިޑާގެ ސަރުކާރުން ވަނީ ބީޗު ބަންދުކޮށް، އާއްމުން ގޭގައި ތިބުމަށް ވެސް އަންގާފައެވެ.

މިދިޔަ ހަފްތާގައި ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އެމެރިކާގެ އާބާދީގެ 15 އިންސައްތަ މީހުންނަށް އަދިވެސް ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެން އަންގާ އެންގުންތައް ގަބޫލެއް ނުކުރެވެއެވެ.

އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ގައުމަކަށް އެމެރިކާ ވެފައިވާ އެއް ސަބަބަކީ ވެސް އާއްމުން ގޭގައި މަޑުނުކުރުމެވެ.