ވިކިލީކްސްގެ ފައުންޑާ ޖޫލިއާ އަސާންޖް ލަންޑަންގައި ހުންނަ އިކްއެޑޯ އެމްބަސީގައި ހުރި ދުވަސްވަރު އޭނާ ވަނީ ޤާނޫނީ ވަކީލާއި ލޯބީގެ ގުޅުމެއް ބާއްވާ، އޭނާގެ ކިބައިން ދެދަރިން ހޯދާފައި ކަން އިއުލާން ކޮށްފިއެވެ.

ކަފާލާތުގެ އަމުރާއި ހިލާފުވި މައްސަލައިގައި މިހާރު އިނގިރޭސިވިލާތުގެ ޖަލެއްގައި ހުރި އަސާންޖަށް ދެދަރިން ލިބިފައިވަ ކަން އިއްޔެ އިއުލާން ކުރީ އެކުދިންގެ މަންމަ އަދި އަސާންޖްގެ ޤާނޫނީ ވަކީލްގެ ސްޓެލާ މޮރިސް އެވެ. އުމުރުން 37 އަހަރުގެ މޮރިސް އަކީ ދެކުނު އެފްރިކާ އަށް ނިސްބަތްވާ މީހެކެވެ.

މޮރިސް ބުނީ އޭނާ އާއި އަސާންޖް ވަނީ 2017 ވަނަ އަހަރު އެންގޭޖް ވެފައި ކަމަށެވެ. އަސާންޖަށް ލިބިފައި ވަނީ ދެފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅުގެ އުމުރުން މިހާރު ދެއަހަރެވެ. ހަގު ދަރިފުޅުގެ އުމުރުން އެއްއަހަރެވެ.

އިނގިރޭސިވިލާތުގެ ފުލުހުން އަސާންޖް ހައްޔަރު ކުރަން އުޅެން ފެށުމުން ލަންޑަންގައި ހުންނަ އިކްއެޑޯގެ އެމްބަސީއަށް ވަދެ އަސާންޖް ސިޔާސީ ހިމާޔަތް ހޯދައިގެން ހަތް އަހަރު ވަންދެން އެތަނުގައި ހުއްޓެވެ. ނަމަވެސް މިދިޔަ އަހަރު އިކްއެޑޯގެ ވެރިކަން ބަދަލުވުމުން އަލަށް ވެރިކަމަށް އައި ސަރުކާރުން ވަނީ އަސާންޖަށް ދީފައި އޮތް ސިޔާސީ ހިމާޔަތް އުވާލާފައެވެ. ސިޔާސީ ހިމާޔަތް އުވާލުމުން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އިކްއެޑޯ އެމްބަސީއަށް ވަދެ، އަސާންޖް ހައްޔަރުކޮށްފައެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ އަސާންޖްގެ މައްޗަށް އެމެރިކާ އިން މިހާރު ވަނީ ދައުވާ ކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އެމެރިކާ ސަރުކާރާއި ހަވާލު ކުރާނެ ކަމަށް ބެލެވެއެވެ. އެމެރިކާ އާއި އަސާންޖް ހަވާލުކޮށްފިނަމަ އަސާންޖަށް މަރުގެ އަދަދު ދީފާނެ ކަމަށާއި އަދި އިންސާފުވެރި ޝަރީޢަތެއް ވެސް އެމެރިކާ އިން ނުލިބޭނެ ކަމަށް އަސާންޖާއި އޭނާގެ ޤާނޫނީ ވަކީލުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.