ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1.8 މިލިއަނަށް އަރައިފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 114,332 މީހުން މަރުވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 428,322 މީހުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަލި ޖެހިގެން މިހާރު އެކިކަންކޮޅުތަކުގައި ފަރުވާދެނީ 1.3 މިލިއަނަށް ވުރެ ގިނަ މީހުންނަށެވެ. އޭގެތެރެއިން 50,852 މީހުންގެ ހާލު ސީރިއަސްއެވެ. އަދި ބާކީ ތިބި 1.2 މިލިއަނަށް ވުރެ ގިނަ މީހުންގެ ހާލު ގޯސް ނޫން ކަމަށްވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ގިނަ އިން ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ސްޕެއިން އާއި އިޓަލީއެވެ.

އެ ތިން ގައުމުން އެކަނި ވެސް ބަލި ޖެހުނު މީހުންގެ އަދަދު އަށް ލައްކަ އަށް ވުރެ މައްޗަށް އަރައެވެ. އެ ބަލީގައި އެ ތިން ގައުމުން އެކަނި ވެސް 30،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އަދި އެ ބަލީގައި އެ ތިން ގައުމުން އެކަނި މަރުވި މީހުންގެ އަދަދު ވަނީ ބައި ލައްކައާ ކައިރިކޮށްފައެވެ.

އެމެރިކާ އަށް ބަލާ އިރު، 560,433 މީހެއްގެ ގައިން ބަލި ފެނުނު އިރު، އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 22,115 މީހުންނެވެ. ސްޕެއިން އިން 166,831 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހިގެން މިހާތަނަށް 17,209 މީހުން ވަނީ މަރުވެފައެވެ.

އިޓަލީން 156,363 މީހެއްގެ ގައިން ބަލި ފެނުނު އިރު، މި ބަލި ޖެހިގެން އެ ގައުމުން 19,899 މީހުން ވަނީ މަރުވެފައެެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ނުރައްކާތެރި މި ބައްޔަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު