ކޮވިޑް-19 ޖެހިގެން އީރާނުން ފާއިތުވި 20 ދުވަސްތެރޭ އެންމެ މަދުން މީހުން މަރުވި ދުވަހަަކަށް އިއްޔެ ވެއްޖެއެވެ.

އިއްޔެ އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 111 މީހެއް ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއަދަދާއި އެކީ އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4,585 އަށް އަރާފައެވެ.

އިއްޔެ އެގައުމުން 111 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، މިއީ ފާއިތުވި ދިގު މުއްދަތެއްގައި މި ގައުމުން މިހާތަނަށް މަރުވި އެންމެ މަދު މީހުންނެވެ. މިމަހުގެ 11 ވަނަ ދުވަހު އެގައުމުން 117 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި 10 ވަނަ ދުވަހު 122 މީހަކު ވަނީ މަރުވެފައެވެ.

އީރާނުން އިތުރު 1,617 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 73,303 އަށް އަރާފައެވެ.

އެގައުމުން މި ބަލި ޖެހިގެން ފާއިތުވި 24 ގަޑިއިރު އިތުރު 2,089 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް އެގައުމުން ޖުމްލަ 45,983 މީހަކު ވަނި ބަލިން ރަނގަޅު ވެފައެވެ. އަދި 3,000 އަށްވުރެ ގިނަ މީހުން ހާލު ސީރިއަސްވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި ވައިރަސް މިހާރު ދުނިޔޭގެ 210 ސަރަހައްދަކަށް ފެތުރިފައިވާއިރު، މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1.8 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދުވަނީ ލައްކައަކަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު