ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަލުވިކަމާއި އެކު ނުރައްކާތެރި ވަައިރަސް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ވަައިރަހަށް ފައްސިވާ މީހުންނަށް ފަރުވާ ދޭން އަވަސް ނަތީޖާ އެއް ފެންނަކަމަށް ބުނާ ބޭހެއްގެ މައުލޫމާތު އާއްމުންނާއި ޙިއްސާ ކޮށްފައެވެ.

ނަމަވެސް، ”ހައިޑްރޯކްލޮރޮކުއިން“ ނަމަކަށް ކިޔާ މި ބޭހަކީ މެލޭރިއާ ބައްޔަށް ފަރުވާ ކުރަން ގެންގުޅޭ ބޭހާއި އެއްވައްތަރު ބޭހެއް ކަމުގައިވާއިރު، ޓްރަމްޕް މިހެން ބުނި ފަހުން އެމެރިކާގެ ބައެއް ރައްޔިތުން އެ ބޭސް ކައިގެން ވަނީ މަރުވެސް ވެފައެވެ.

ޓްރަމްޕް ދެއްކި ވާހައިގެ ހަގީގަތް ބެލުމަށްޓަކައި ބްރެޒިލްގެ ދިރާސާވެރިންތަކެއް މިކަމާއި ބެހޭ ދިރާސާ އެއް ކުރިއަށް ގެންދިޔަ ނަމަވެސް، މި ބޭހުގެ ސަބަބުން ބައެއް މީހުންގެ ހިތަށް އުނދަގޫވުމާއި، އެނޫންވެސް ނޭދެވޭ އަސަރުތައް ކުރުމުގެ ސަބަބުން ވަނީ ހުއްޓާލާފައެވެ.

ބްރެޒިލްގައި ވައިރަހަށް ފަރުވާ ދެމުން ގެންދިޔަ 81 މީހަކަށް މި ބޭސް ތަފާތު 2 ޑޯޒެއްގައި ދީފައިވާއިރު، މަތީ ޑޯޒެއް ދިން މީހުންގެ ތެރެއިން 11 މީހަކު މަރުވެފައިވާއިރު، ގިނަ ބައެއްގެ ހިތުގެ ވިންދު ޖެހުމަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މި ހުރިހާ އަސަރުތަކެއް ފެނުނީ ބޭސް ބޭނުންކުރަން ފެށިތާ އެންމެ 3 ދުވަސް ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

ޓްރަމްޕް އެވާހަކަ ދައްކަމުން ބުނެފައި ވަނީ އޭނާ އަކީ ޑޮކްޓަރެއް ނޫން ކަމަށެވެ. ނަމަވެސް ހަމަ އެ ނޭވާގައި ޓްރަމްޕް ވަނީ މި ބޭހާއި މެދު ވަރަށް ބޮޑު އުއްމީދުތަކެއް ހުރި ކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު