ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 574 މީހަކު މަރުވެއްޖެއެވެ. ފްރާންސުން މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ އިތުރު ވެފައެވެ.

އިއްޔެ ފްރާންސުން މަރުވީ 561 މީހެކެވެ.

އިއްޔެ އާއި އަޅައި ބަލާއިރު ފްރާންސުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު މިއަދު ވަނީ އިތުރުވެފައެވެ. މިއަދު ފްރާންސުން 4188 މީހަކު ފައްސިވިއެވެ. އިއްޔެ ފްރާންސުން ފައްސިވީ 2937 މީހުންނެވެ. މިއަަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި ފްރާންސުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ފްރާންސުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 136,779 އަށް އަރާފައެވެ. އޭގެތެރެއިން 14,967 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 27,718 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ފްރާންސުން މަރުވާ މީހުންގެ އަދަދު މިއަދު އިތުރުވެފައި ވަނިކޮށް ދެންމެ ފްރާންސްގެ ރައީސް މެކްރޮން ގައުމާއި މުހާތަބު ކުރައްވާ ދެއްވި ތަޤްރީރެއްގައި ވިދާޅުވީ މެއި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ފްރާންސްގެ ފުރަބަންދު (ލޮކްޑައުން) މުއްދަތު އިތުރު ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ފްރާންސުން މަރުވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިހާރު ފްރާންސް ވަނީ ޕީކަށް އެޅިފައެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ދާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    Hmm yeah ި