ހަލުވިކަމާއެކު ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ، ދެކުނު އެފްރިކާގައި ފުރަބަންދު އިއުލާނު ކުރުމާއެކު އެޤައުމުގެ ގިނަ އަދަދެއްގެ ސްކޫލްތައް ފަޅާލައި ވައްކަންކޮށް، ފޭރުމުގެ އަމަލުތައް އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެކުނު އެފްރިކާގެ ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެފައި ވަނީ، ކޮވިޑް-19 ގެ ފުރަބަންދުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައިވެސް އެޤައުމުގެ 200 އެއްހައި ސްކޫލެއް ވަނީ ފަޅާލާފައެވެ. މީގެ ތެރެއިން ބައެއް ސްކޫލްތަކަށް ގެއްލުންދީ ރޯކޮށް ބިމާ ހަމަކޮށްލާފައިވާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، ސްކޫލްތައް ފަޅާލައިގެން ވައްކަން ކުރުމާއި، އެތަންތަނަށް ގެއްލުން ދިނުމުގެ މައްސަލަތައް އެންމެ ގިނައިން ފެންމަތިވެފައި ވަނީ އެޤައުމުގެ ޕުމާލަންގާ ޕްރޮވިންސުންނެވެ. އެ ޕްރޮވިންސުން އެކަނިވެސް ފުރަބަންދުގެ މުއްދަތުގެ ތެރޭގައި 73 ސްކޫލެއް ފަޅާލާފައި ވެއެވެ. މީގެ އިތުރުން އެ ޕްރޮވިންސުން ފޭރުމުގެ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އާންމުންގެ ރައްކަލަކަށްޓަކައި އެޅި ފިޔަވަޅުތަކާއި އެކު އިތުރު ނުރައްކާތަކެއް ދެކުނު އެފްރިކާގައި ކުރިމަތިވަމުން ދާއިރު، މިކަމާއި ގުޅިގެން އޮފިޝަލުން ބުނެފައިވަނީ، "ޤައުމު އަލުން އާރާސްތު ކުރުމަށް ބޭނުންކުރަން ހުރި ތަންތަން ފަޅާލައި، މި ބަލިމަޑުކަމުން ޤައުމު އަރައިގަތުމަށް އޮތް ހަމައެކަނި ފުރުސަތުތައް ބަންދުކޮށް ގެއްލުން ދެމުން ދިޔުމަކީ ހިތާމަހުރި ކަމެއް،" ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި ދެކުނު އެފްރިކާގެ އެކި ކަންކޮޅުތަކުން ފަޅާލި ސްކޫލްތަކުން ކޮމްޕިއުޓަރާއި، ޕްރިންޓަރާއި، އިލެކްޓްރޯނި އާލާތްތަކުގެ އިތުރު ކްލާސްތަކުގައި ބަހައްޓާގައި ހުރި ގޮނޑިއާއި މޭޒުވެސް ވަނީ ވަގަށް ނަގާފައެވެ. މިކަމުގެ ސަބަބުން ބައެއް ސްކޫލްތަކަށް ވަނީ އަވަސް މުސްތަޤުބަލެއްގައި އަލުން ކިޔަވައިދޭން ނުފެށޭ ވަރަށް ގެއްލުން ލިބިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެނ ދެކުނު އެފްރިކާގައި ފުރަބަންދު އިއުލާނުކޮށްފައި ވަނީ ނިމިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ.

ދެކުނު އެފްރިކާއަކީ ވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނަ ޤައުމެކެވެ. މިހާތަނަށް އެޤައުމުން ކޮވިޑް-19 ޖެހިފައިވާ 2272 މީހަކު ފެނިފައިވާއިރު އޭގެތެރެއިން 27 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުން މި ވައިރަސް އަށް ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ދެކުނު އެފްރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، ބަލިން ރަނގަޅުވެފައި ވަނީ 410 މީހެކެވެ.