މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ތެލުގެ ސިނާއަތަށް 38.67 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ސައުދީގެ ބޭންކެއް ކަމުގައިވާ އަލް ރާޖިހް ކެޕިޓަލްގެ ރިޕޯޓުތައް ދައްކައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ތެޔޮ އުފައްދާ ކުންފުނިތަކުން މިދިޔަ އާދީއްތަ ދުވަހު ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ޑިމާންޑް ދަށްވެ އެހެން އަހަރުތަކަށްވުރެ ތެޔޮ އުފައްދާ ނިސްބަތް 20 އިންސައްތަ އަށް ދަށްވާނެ ކަމަށް ލަފާކޮށްފައެވެ.

އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)، ރަޝިއާ، އަދި އޯޕެކް ޕްލަސް އިން އާންމުކޮށް ތެޔޮ އުފައްދާ މިންވަރަށްވުރެ 9.7 މިލިއަން ފީފާގެ ތެޔޮ ދުވާލެއްގެ މައްޗަށް މަދު ކުރުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. ސައުދީން ވަނީ އާންމުކޮށް ތެޔޮ އުފައްދާ މިންވަރަށް ވުރެ 8.5 މިލިއަން ފީފާގެ ތެޔޮ ދުވާލަކު މަދުކުރުމަށް ނިންމައިފައެވެ.

އަލް ރާޖިހް ކެޕިޓަލް އިން އަންދާޒާކޮށްފައިވާ ގޮތުގައި ތެލުގެ ސިނާއަތުން މިއަހަރު ސައުދީ ސަރުކާރަށް ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ 342 ބިލިއަން ރިޔާލެވެ. އެއީ މީގެ ކުރިން އާންމުކޮށް ލިބެމުން ދިޔަ 487 ބިލިއަން ރިޔާލުގެ ފައިދާ އާއި އަޅާބަލާ އިރު 145 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.

މިކަމާ ގުޅިގެން މިއަހަރަށް ސައުދީ ސަރުކާރުން އެކުލަވާލައިފައިވާ ބަޖެޓުގެ ފަސް އިންސައްތަ ކަމަށްވާ 50 ބިލިއަން ރިޔާލް އެ ސަރުކާރުން ވަނީ ކަނޑާލައިފައެވެ. އަދި މިހާރު މިކަމާ ގުޅިގެން ސައުދީން ދަނީ އެހެނިހެން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވިސްނަމުން ކަަމަށް އަލް ރާޖިހް ބޭންކުން ވަނީ ބުނެފައެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަކީ މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ބޮޑު ހީނަރު ކަމެއް އަންނާނެ އަހަރެއް ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެންމެ އިގްތިސާދީ ގޮތުން ވަރުގަދަ ގައުމުތަކުގެ ކުރީ ސަފުގައި ހިމެނޭ އެމެރިކާ އާއި ޗައިނާ އަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު