ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ޗައިނާގެ މެކްޑޮނަލްޑްސް އަކަށް ކަޅު ނަސްލުގެ މީހުން ވަނުން މަނާ ކުރުމާއި ގުޅިގެން އެ ރެސްޓޯރެންޓު ބަންދު ކޮށްފިއެވެ.

އެ ގައުމުގެ ގުއާންޒޫ ޕްރޮވިންސަކީ މުޅި ޗައިނާ ގައިވެސް ކަޅު ނަސްލުގެ މީހުން އެންމެ ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ޕްރޮވިންސު ކަމުގައިވާއިރު، މީގެ ކުރިން އަބަދުވެސް އެ ޕްރޮވިންސުގައި އެންމެ މަދުވެގެން އެ ނަސްލުގެ 1 ލައްކަ މީހުން އުޅެއެވެ. މީގެ ތެރޭގައި އެފްރިކާ އިން ޗައިނާ އަށް ވިޔަފާރި ކުރަން އައިސް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

މެކްޑޮނަލްޑްސް ރެސްޓޯރެންޓަށް ކަޅު މީހުން ވަނުން މަނާކޮށް ނޯޓިސް އެއް ހިއްޕި އިރު، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް އަމަލު ކުރުމުގެ ބާރު އެކަން ކުރި މުވައްޒަފުންނަށް ނޯންނާނެ ކަމަށާއި، މިހާރު އެތަން ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު، ހުރިހާ އެންމެންގެ ކިބައިން އެކަމަށް މާފަށް އެދޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން މިދުވަސްވަރު ޗައިނާގައި ކަޅު މީހުންނަށް އަންނަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުވަމުންނެވެ. މިގޮތުން ކަޅު މީހުން ހޮޓެލްތަކުން ބޭރުކޮށް ގަދަކަމުން ކަރަންޓީނު ކުރަމުން ދާއިިރު، ގިނަ ބަޔަކު މިހާރު ވަނީ މަގުމަތި ވެފައެވެ. އެއް ބަޔަކު ހޮޓާތައް ބޭރުގައި ނިދަމުން އަންނައިރު އަނެއްބަޔަކު ދަނީ ބްރިޖުތައް ދަށުގަ އާއި ޕޮލިސް ސްޓޭޝަންތައް ކުރިމަތީ ނިދައި ހަދަމުންނެވެ.

އެ ޕްރޮވިންސުގެ މީހުން މި ވައިރަސް ފެތުރެނީ ކަޅު ނަސްލުގެ މީހުންގެ ކިބައިންކަން ދޭހަވާގޮތަށް އަމަލު ކުރި ނަމަވެސް، މިކަން ދުނިޔޭގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ. އަދި ގިނަ ބަޔަކު ދަނީ ޗައިނާ މީހުންނާއި މެދު ރުޅިވެރިކަން ފާޅުކޮށް، މިއީ ޗައިނާގެ މީހުންގެ އަމިއްލަ ކެއުމުގެ އާދަތައް ހުރި ގޮތުން ވާންފެށި ކަމެއްކަން ހަނދާން ކޮށްދެމުންނެވެ.

މީގެ ކުރިން އެ ޕްރޮވިންސުގައި 1 ލައްކަ ކަޅު މީހުން ކޮންމެ ވަގުތެއްގައިވެސް ތިބޭއިރު، މިހާރު ކުރިމަތިވަމުން އަންނަ ފިއްތުންތަކުގެ ސަބަބުން އެ އަދަދު ވަނީ 10،000ށް ވުރެންވެސް ބޮޑަށް ދަށަށް ގޮސްފައެވެ. މެކްޑޮނަލްޑްސް އިން ކުރި މިކަންތައް އެ ޕްރޮވިންސުގެ ކަމާބެހޭ އިދާރާތަކުންވެސް ވަނީ ކުށްވެރިކޮށްފައިކަން ފާހަގަކޮށްލެވެއެވެ.