ކޮވިޑް-19 ޖެހިގެން ފާއިތުވި ތިން ދުވަހު ފްރާންސުން މަރުވި މީހުންގެ އަދަދާއި ބަލާއިރު މިއަދު މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ދެންމެ ފްރާންސް ސަރުކާރުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 762 މީހަކު މިއަދު ފްރާންސުން މަރުވެފައި ވެއެވެ.

އިއްޔެ ފްރާންސުން މަރުވީ 574 މީހުންނެވެ. އާދީއްތަ ދުވަހު މަރުވީ 561 މީހުންނެވެ. ހޮނިހިރު ދުވަހު މަރުވީ 635 މީހުންނެވެ.

މިއަދު ފްރާންސުން ބަލި ޖެހުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިއަދު 6,524 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއެވެ. ހޯމަ ދުވަހު ފައްސިވީ 4188 އާދީއްތަ ދުވަހު ފައްސިވީ 2937 މީހުންނެވެ. ހޮނިހިރު ދުވަހު ފައްސިވީ 4785 މީހުންނެވެ.

ފްރާންސުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 143,303 އަށް އަރާފައެވެ. އޭގެތެރެއިން 15,729 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 28,805 މީހުންނެވެ.

މަރުވި މީހުންނާއި ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވި ނަމަވެސް އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު ފްރާންސްގައި އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 6,730 މީހުންނަށެވެ. އިއްޔެ އައިސީޔޫގައި 6,821 މީހުންނަށް ފަރުވާ ދިނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ފްރާންސުން ވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ފްރާންސް ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް މުއްދަތު ވަނީ މެއި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.