ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އަވަސް ޙައްލެއް ނުލިބިއްޖެނަމަ، މި ވައިރަސް ފެތުރޭތީ އެމެރިކާގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް އަހަރުތަކަކަށް ދިގުދަންމަން ޖެހިދާނެ ކަމަށް، އެޤައުމުގެ ދިރާސާވެރިންތަކެއް ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ހާލަތު ދިރާސާކޮށް ހާވާޑް ސްކޫލް އޮފް ޕަބްލިކްގެ ދިރާސާވެރިން، ކުރިޔަށްގެންދިޔަ މި ދިރާސާގެ ރިޕޯޓެއް މިހާރު ނެރެފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ސީދާ ފަރުވާކޮށްދޭ ވެކްސިނެއް، އަވަސް މުސްތަޤުބަލެއްގައި ހޯދި، އެ ވެކްސިން ބޭނުން ކުރަން ނުފެށިއްޖެ ނަމަ އެމެރިކާގައި އަހަރުތަކެއް ވަންދެން އާންމުން އެއްތަންވެ އުޅުން ނުރައްކާވާ ހާލަތަށް ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެން ވައިރަސްތަކާއި ޚިލާފަށް ކޮވިޑް-19 ފެތުރޭ މިންވަރު ހަލުވިކަމާއި، މި ވައިރަސް ޖެހޭގޮތް ފަސޭހަވުމުން މިއީ މިފަދަ ނުރައްކާތެރި އެހެން ވައިރަސްތަކަށްވުރެ ދެގުނަ ނުރައްކާތެރި ވައިރަސް އެއް ކަމަށް ދިރާސާވެރިން ބުނެއެވެ. އެހެންކަމުން މި ވައިރަސް މިހާރު ފެތުރެމުންދާ ދިއުން ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯދުން މުޙިންމު ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"އެމެރިކާގައި ކޮވިޑް ފެތުރުން އަވަހަށް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ކުރިން ހީކުރި ވަރަށްވުރެ މި ވައިރަސްގެ ނުރައްކާ ބޮޑުވާނެ. އަދި 2022 ވަނަ އަހަރާއި ހަމައަށް ބައެއް ފިޔަވަޅުތައް ދިގު ދަންމަން ޖެހިދާނެ. އޭގެތޭގައި އާންމުން އެއްތަންވެ ނޫޅުމާއި ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުންފަދަ ފިޔަވަޅުތައް ހިމެނޭނެ،" ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމެރިކާއަކީ މިވަގުތު ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ އެންމެ ގިނަ ބަޔަކު ތިބި، އަދި ދުނިޔެއިން މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި ވެސް އެޤައުމު އޮތްއިރު، މިހާތަނަށް އެމެރިކާއިން ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވީ މީހުންގެ އަދަދު ވަނީ 603496 އަށް އަރާފައެވެ. އޭގެތެރެއިން މިހާތަނަށް ޖުމްލަ 25195 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ އެހެން ޤައުމުތަކަށްވުރެ އެތައް ގުނައެއް އިތުރު އަދަދަކަށް އެމެރިކާގައި މި ވައިރަސް ޖެހިފައިވާ މީހުން ތިބިއިރު، އިއްޔެ އެކަނިވެސް އެޤައުމުން 16500 އަށްވުރެ ގިނަ މީހަކަށް މި ވައިރަސް ޖެހި، 1555 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.

މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައިނުވާ މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1983219 މީހަކަށް ޖެހި، އޭގެތެރެއިން 125145 މީހަކު ވަނީ މަރުވެފައެވެ. ވައިރަސް އިން މިހާތަނަށް ރަނގަޅުވެފައި ވަނީ 466606 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު