ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެމިލިއަނަށް އަރައިފިއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބަށް ބަލާއިރު 2,000,043 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެތެރެއިން 126,753 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 484,573 މީހުންނެވެ.

ތަފާސް ހިސާބަށް ބަލާއިރު އެންމެ ފަހުން އެއް މިލިއަން މީހުންނަށް ބަލި ޖެހިފައި މިވަނީ އެންމެ 13 ދުވަސް ތެރޭގައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިއަދު ދެމިލިއަނަށް އަރާފައި ވާއިރު ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ގިނަ ގައުމުތަކުގައި ބަލި ޖެހޭ މީހުންނާއި، މަރުވާ މީހުންގެ އަދަދު އިއްޔެ ވަނީ އިތުރުވެފައެވެ.

އިއްޔެ 6982 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިއްޔެ އަކީ ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ 73969 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ ގައުމާއި ޓެރިޓަރީ ހިމެނޭހެން 202 ސަރަހައްދަކުން ފެނިފައި ވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް ފުރަބަންދު ކޮށްފައި އޮތް ގައުމުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު ފުރަބަންދު ކޮށްފައި އޮތްނަމަވެސް ބަލި ކޮންޓްރޯލް ކުރަން މަހެއްހާ ދުވަސް ނަގައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް ވެކްސިނެއް އުފައްދަން ދޮޅު އަހަރެއްހާ ދުވަސް ހޭދަވުން އެކަށީގެންވެއެވެ. އެއަށްވުރެ އަވަހަށް ވެކްސިނެއް އުފެއްދޭތޯ ސައިންސްވެރިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އަދި މިހާތަނަށް އެންމެ ބޭނުންވާ ފަދަ ކުރިއެރުންތަކެއް ނުލިބެއެވެ.

މިހާރު އެންމެން ވެސް ކުރާ ސުވާލަކީ މިހާރު ދިމާވެފައި މިއޮތް ހާލަތުން އަރައިގަނެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ކުރިން ލަފާކުރެވުނު ގޮތުގައި ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ދުނިޔެ ހުޅުވާލެވިދާނެއެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔެ ހުޅުވާލަން ހައެއްކަ މަސްދުވަސް ނެގުން އެކަށީގެންވެއެވެ. އަދި އަލުން ކުރީގެ ހާލަތައް ރުޖޫޢަވެ، އާއްމު އުސޫލުން ހުރިހާ ކަމެއް ހިނގައި ގަންނާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި، ބޭނުން ކުރަން ފެށިއްޖެނަމަ އެއާއިއެކު މުޅި މަންޒަރު ބަދަލުވެގެން ދާނެއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު އިތުރު ކުރެވޭނަމަ، ބަލި ފެތުރުނުން ކޮންޓްރޯލް ކުރަން ނުވަތަ ފެތުރޭ މިންވަރު ލަސްކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކަރުން ވިދާޅުވެއެވެ. ނަމަވެސް ގިނަ ގައުމުތަކުގެ ހާލަތު އޮތް ގޮތުން އަދި ޓެސްޓް ކިޓްތައް ވެސް ބޭނުންވާ ވަރަށް ނުލިބޭތީ ގިނަ ބަޔަކު ޓެސްޓް ކުރަން ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.