ދުނިޔޭގައި މިހާރު ހަލުވިކަމާ އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން އިތުރު 283 މީހަކު މަރުވެއްޖެއެވެ.

މިއީ އިއްޔެ އެގައުމުން މަރުވި މީހުންގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. އިއްޔެ އެގައުމުން މަރުވީ 254 މީހުންނެވެ. މިހާތަނަށް އެގައުމުން ވަނީ 4،440 މީހަކު މި ބަލީގައި މަރުވެފައެވެ. އެގައުމުން ވަނީ ކޮވިޑް-19 އަށް 2،454 މީހަކު އިތުރަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މީގެކުރިން އެންމެ ގިނަ މީހުން އެގައުމުން ފައްސިވީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 1،850 މީހަކު ކޮވިޑް-19 އަށް ބެލްޖިއަމް އިން ވަނީ ފައްސިވެފައެވެ. މިހާތަނަށް އެގައުމުން މި ބައްޔަށް 33،573 މީހަކު ވަނީ ފައްސިވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ބެލްޖިއަމް އިން ވަނީ 7،107 މީހަކު ރަނގަޅުވެސް ވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 1،204 މީހަކު އޮތީ ސީރިއަސް ހާލަތެއްގައެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާއިރު މިހާތަނަށް 2،014،000 މީހަކަށް މިބަލި ވަނީ ޖެހިފައެވެ. އަދި 127،592 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު 491،786 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.