މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓު ޖޯ ބައިޑެން އަށް ތާއިދު ކުރައްވާކަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ރަސްމީކޮށް ހާމަ ކުރައްވައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އޮބާމާ ހިއްސާ ކުރެއްވި ވީޑިއޯ އެއްގައި ވިދާޅުވެފައި ވަނީ އޮބާމާގެ ގިނަ ދުވަސްވީ ނައިބު ރައީސް ޖޯ ބައިޑެން އަކީ ރައީސް ކަމާއި ހަވާލުވާން ކުފޫ ހަމަވާ ބޭފުޅެއް ކަމަށާއި އަދި ގައުމު ހިންގުމުގެ ތަޖުރިބާވެސް ބައިޑެން ކިބައިގައި އެބަހުރި ކަމަށެވެ.

”އަހަރެން ގަބޫލު ކުރަނީ ޖޯ އަކީ މި މަގާމަށް އެންމެ ކުފޫ ހަމަވާ ބޭފުޅާކަމަށް. ޖޯ ވަނީ އަހަރެން ރައީސް ކަމާއި ހަވާލުވެ ހުރިއިރު، އެޗްއަން-އެންވަން އިންފްލުއެންޒާ އާއި އެބޯލާ ވައިރަސް ވެސް އެމެރިކާގޢި ފެތުރުނަ ނުދީ ހިފާއްޓަން ޖޯ އަހަންނަށް އެހީތެރިވި. މިހާރު އެމެރިކާ ތަޖުރިބާ ކުރަމުން މި ގެންދާ އަނދިރި ދުވަސްތަކުން އަރައި ގަނެވޭނީ ޖޯ ފަދަ މީހަކު ގައުމާއި ހަވާލުވެގެން“ އެމެރިކާ އާއްމުންގެ މެދުގައި އަދިވެސް ބޮޑު މަގުބޫލުކަމެއް އޮންނަ އޮބާމާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރު މި އަހަރު ނިމޭއިރު، ޙާއްސަކޮށް ކޮވިޑް-19 ވައިރަސް އާއި މެދު ޓްރަމްޕް އަމަލު ކުރި ގޮތުގެ ސަބަބުން އޭނާ ދެވަނަ ދައުރަކަށް ހޮވޭނެކަމަށް ނުބެލެވެއެވެ. މިހާރު މުޅި ދުނިޔެ އިންވެސް އެންމެ ގަދައަށް ވައިރަސް ފެތުރި، އެންމެ ގިނަ ބަޔަކު މަރުވަމުން ގެންދަނީވެސް އެމެރިކާގައެވެ.