ހަލުވިކަމާއި އެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސްގެ ސަބަބުން ސްޕެއިން އިން އިތުރު 523 މީހަކު މަރުވެއްޖެއެވެ.

މިއަދުގެ މިހައިތަނަށް ސްޕެއިން އިން މަރުވި މީހުންނާއި އެކު ވައިރަސްގެ ޝިކާރަ އަކަށްވެ އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18،579 އަށް އަރާފައެވެ. ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ގައުމު ކަމުގައިވާއިރު، މިހައިތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި އެމެރިކާ އަށް ފަހުގައި ދެވަނާގައި އޮތީވެސް ސްޕެއިންނެވެ. އެ ގައުމުން ޖުމްލަ 177،633 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫރަޕްގެ ހުރިހާ ބޯޑަރުތަކެއްވެސް މިހާރު ބަންދު ކޮށްފައި ވާއިރު، ސްޕެއިންގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާން ކޮށްފައެވެ. އަދި މި މަހުގެ 26ގެ ނިޔަލަށް ކާފިއުގެ މުއްދަތު އިތުރުކޮށް، އާއްމުން ގެތަކުގައި ބޭއްތިއްބުމަށް އެ ގައުމުގެ ސަރުކާރުނަ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

މިއަދު ސްޕެއިން އިން 523 މީހަކު މަރުވެފައިވާއިރު، މިއީ އިއްޔެ އެ ގައުމުން މަރުވި މީހުންނަށް ވުރެން 44 މީހުންގެ ދަށްވުމެކެވެ. ނަމަވެސް، މީގެ ދުވަސްތަކެއް ކުރިންވެސް އެ ގައުމުން މީހުން ފައްސިވަމުން ގެންދިޔަ އަދަދު ދަށް ވުމަށް ފަހުގައި ޖެހިގެން އައި ދުވަހު ވަނީ ބޮޑުތަނުން އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.