ފަސްތީނުގެ ރައްޔިތުން މިނިވަން ކަމައްޓަކައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހަފްތާގައި ބޭއްވި މުޒާހަރާގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލި ފަލަސްތީނު 3 މީހުން ޝަހީދު ވެއްޖެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ބުނެފައިވަނީ ސަރަހައްދީ ރޮނގުގައި ކުރިއަށްދާ އިހުތިޖާޖުގައި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ތިން މީހެެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި ކަމަށެވެ.

އިއްޔެގެ މުޒާހަރާގައި 955 މީހުން ޒަހަމު ކޮއްލާފައިވާއިރު އިއްޔެގެ މުޒާހަރާގައި ކަރުނަގޭހުގެ އަސަރުކޮށްގެން އިތުރު 300 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު މިއީ ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތާ 5 ވަނަ ހަފްތާއެވެ.

މިދިޔަ ހުކުރު ދުވަހުވެސް އިސްރާއީލުގެ އުދުވާނީ ސިފައިންވަނީ، އުމުރުން 15 އަހަރުގެ މުހަންމަދު އައްޔޫބް ނަމަކަށްކިޔާ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.

މާޗް 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު އައްޒާ ގުޅޭ ރޮގު ކައިރިއަށް އެތައްހާސް އާންމުން އެއްވެ ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 45 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އެތައްސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

ފަލަސްތީނުގެ ހެލްތް ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 6,000 އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ.