ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ސްވިޑެން އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ސްވިޑެން އިން ކޮވިޑް-19 އަށް ފަރުވާކުރަމުން ދިޔަ 170 މީހަކު މަރުވެފައި ވާއިރު، މިއީ މިހާތަނަށް އެއް ދުވަސް ތެރޭ އެޤައުމުން އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.

މީގެ ކުރިން ސްވިޑެން ގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު އާއި 14 ވަނަ ދުވަހުއެވެ. މި ދެ ދުވަހުވެސް އެޤައުމުން 114 މީހަކު މަރުވެފައި ވެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސްވިޑެން އިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވާއިރު، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1203 އަށް އަރާފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 482 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން މި ވައިރަސް އަށް ޖުމްލަ 11927 މީހަކު ފައްސި ވެފައި ވެއެވެ.

ސްވިޑެން އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 381 މީހެކެވެ. މިއީ އެޤައުމުން ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދާއި ބަލާއިރު، ވަރަށް މަދު އަދަދެކެވެ. އެޤައުމުގައި ކޮވިޑް-19 ޖެހިގެން 954 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ފަހުގެ މަޢުލޫމާތަށް ބަލާއިރު މިހާތަނަށް، ސްވިޑެން ހިމެނޭހެން ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުން ޖުމްލަ 2018351 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 128062 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވީ 492176 މީހުންނެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން، ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ.