ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ 85 ގައުމަކުން މީހުން މަރުވެފައިވެއެވެ. އެގޮތުން އިއްޔެ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7407 އަށް އަރާފައެވެ. އެއާއެކު އިއްޔެ ވެފައިމިވަނީ މިހަތަނަށް އެންމެ ގިނަ ބަޔަކު މަރުވި ދުވަހަށެވެ. އަދި މިހާތަނަށް އެމެރިކާގެ ބައެއް ސަރަހައްދުތަކާއި، ޖަރުމަނުން އިއްޔެ މަރުވި މީހުންގެ އަދަދުތައް ލިބިފައިނުވާތީ މި އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

އިއްޔެ އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން އިއްޔެ އެކަނިވެސް 2،335 މީހަކު މަރުވެފައިވެއެވެ. އަދި އިއްޔެ ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފްރާންސުން 1،438 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އިނގެރޭސިވިލާތުން 761 މީހަކު މަރުވެފައިވެއެވެ.

މީގެ ކުރިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު މުޅި ދުނިޔެއިން 7،385 މީހަކު ވަނީ މަރުވެފައެވެ.

މުޅި ދުނިޔެއިން މިހާތަނަށް ޖުމްލަ 134,007 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިހާތަނަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން އެކަނިވެސް ޖުމްލަ 28,383 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 2,073,394 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި އޭގެތެރެއިން ބަލިން އެއްކޮށް ރަނގަޅުވެފައިވަނީ އެންމެ 508,861 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު