ފްރާންސްގެ މަތިންދާ ބޯޓުތައް އުފުލާ އަސްކަރީ މަނަވަރެއްގައި ތިބި 600 އަށް ވުރެ ގިނަ މީހުންގެ ގައިން ކޮވިޑް-19 ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޗާލެސް ޑި ގައުލޭ ނަމަކަށް ކިޔާ މަނަވަރާ ބެހޭ ގޮތުން އެ ގައުމުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މަނަވަރުގައި ތިބި 668 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ ކަމަށެވެ. ބައްޔަށް ފައްސިވީ ކިތައް ސިފައިން ކަމެއް ބުނެފައެއް ނުވެއެވެ.

އަސްކަރީ މަނަވަރުގައި 1،767 މީހުން ތިބި ކަމަށްވެއެވެ. އަދި އެ ހުރިހާ އެންމެން ވެސް މިހާރު ޓެސްޓްކޮށްފައިވާ ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައެވެ. އަދި އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށްވެއެވެ.

މި މަނަވަރު މިހާރު އޮތީ ފްރާންސްގެ ސިޓީއެއް ކަމަށްވާ ޓޫލަންގައި ބަނދަރުކޮށްފައެވެ. އެ މަނަވަރު ބަނދަރު ކުރީ 50 މީހެއްގެ ގައިން ބަލި ފެނުމުންނެވެ.

މީގެކުރިން އެމެރިކާގެ މަނަވަރެއްގައި ތިބި 600 އަށް ވުރެ ގިނަ މީހުން ވެސް ވަނީ ބައްޔަށް ފައްސިވެފައެވެ.