އިންޑިއާގެ ދިއްލީގައި ޕިއްޒާ ޑެލިވަރީ ހިދުމަތުގައި އުޅެމުންދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވުމާއި ގުޅިގެން 72 އާއިލާއެއް އެކަހެރިވެ ތިބުމަށް އެދިއްޖެއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ޒުވާނާއަކީ މަލްވިޔާ ނަގަރްގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާ ދިޔައީ އާދީއްތަ ދުވަހާއި ހަމައަށް ޑެލިވަރީ ހިދުމަތް ދެމުންނެވެ. ނަމަވެސް ފަހުން އޭނާ ބަލިވިއެވެ. މިހާރު އޭނާ ވަނީ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ އާރްއެމްއެލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

މިދިޔަ 15 ދުވަސް ތެރޭގައި އޭނާ ވަނީ 72 އާއިލާއަކަށް ޑެލިވަރީ ހިދުމަތް ދީފައެެވެ. އެހެންވެ އެ އާއިލާތަކުގެ މީހުން ގޭގައި ކަރަންޓީން ވެގެން ތިބުމަށް އެދިފައިވާއިރު، އެ މީހުންގެ ހަލަތު ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހާރު އެ ޒުވާނާ މަސައްކަތް ކުރަމުންދާ ރެސްޓޯރެންޓްވެސް ވަނީ ބަންދުކޮށްފައެވެ. 14 ދުވަހަށް އެތަން ބަންދުކޮށްފައި ވަނީ ކޮވިޑް-19ގެ ޕްރޮޓޮކޯލަށް ފޮލޯ ކުރުމުގެ ގޮތުންނެވެ. އެ ރެސްޓޯރެންޓުން ވަނީ އެތަނުގެ މުވައްޒަފަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ދީފައެެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާއިރު، އެންމެންވެސް ގޭގަައި ތިބުމަށް ދަނީ ނަސޭހަތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛުލިމް

    "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

    "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ."

    (އަލްބަޤަރާ: 155،156)