ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިހާރު ހަލުވިކަމާ އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން އިތުރު 417 މީހަކު މަރުވެއްޖެއެވެ.

މިއީ އިއްޔެ އެގައުމުން މަރުވި މީހުންގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. އިއްޔެ އެގައުމުން މަރުވީ 238 މީހުންނެވެ. އެހެންކަމުން މިއަދު އެ ގައުމުން އިތުރު 179 މީހަކު މިވަނީ މަރުވެފައެވެ.

މިހާތަނަށް އެގައުމުން ޖުމްލަ 4،857 މީހަކު މި ބަލީގެ ޝިކާރަ އަކަށްވެ މަރުވެފައިވެއެވެ. މިދިޔަ 24 ގަޑިއިރު ތެރޭ އެގައުމުން ވައިރަހަށް 1،236 މީހަކު މުޅިން އަލަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އެންމެ ގިނަ މީހުން އެގައުމުން ފައްސިވީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 1،850 މީހަކު ކޮވިޑް-19 އަށް ބެލްޖިއަމް އިން ވަނީ ފައްސިވެފައެވެ. މިހާތަނަށް އެގައުމުން މި ބައްޔަށް 34،809 މީހަކު ވަނީ ފައްސިވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ބެލްޖިއަމް އިން ވަނީ 7،562 މީހަކު ރަނގަޅުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 1،182 މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާއިރު މިހާތަނަށް 2 މިލިއަނަށް ވުރެން ގިނަ މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. އަދި ލައްކަ އަކަށް ވުރެން ގިނަ މީހުން މި ބަލި ޖެހިގެން މަރުވެފައިވާއިރު 4 ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.