އިނގިރޭސިވިލާތް ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް މުއްދަތު އަދި އިތުރު ތިން ހަފްތާއަށް ދިގު ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އާލާސްކަންފުޅާއި އުޅުއްވާތީ ގައުމުގެ ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ދެންމެ ޑައުނިން ސްޓްރީޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ މިހާރުގެ ހާލަތައް ބަލާއިރު އެންމެ މަދުވެގެން އަދި ތިން ހަފްތާއަށް އިނގިރޭސިވިލާތް ބަންދުކޮށްފައި ބާއްވަން ޖެހޭ ކަމަށެވެ.
"ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ސަރުކާރަށް ލަފާދެއްވަނީ އަދި އެންމެ މަދުވެގެން ތިން ހަފްތާ ދުވަހަށް ގައުމު އެއްކޮށް ބަންދުކޮށްފައި ބާއްވަން ޖެހޭނެ ކަމަށް. އާއްމު ރައްޔިތުންގެ ސަލާމަތަށާއި އަދި އިޤުތިޞާދަށް ވެސް ލިބިދާނެ އިތުރު ގެއްލުންތަކުން ސަލާމަތްވުމަށް މިފިޔަވަޅު އަޅަން ޖެހޭ" ރާބް ވިދާޅުވިއެވެ.
ރާބް ވިދާޅުވީ މިހާރު މިވަނީ އެންމެ އުނދަގޫ ހާލަތުން އަރައިގަނެވިފައި ކަމަށް ބެލެވޭ ކަމަށާއި ދެން ކުރިއަށް އޮތްތަނުގައި ހާލަތު ދާނީ ރަނގަޅުވަމުން ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
ގައުމު އަލުން ހުޅުވާލާނީ އިނގިރޭސިވިލާތުގައި ބަލި ފެތުރުން ޕީކަށް ގޮސް، ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މަދުވާން ފަށައިފިކަން ކަށަވަރު ވުމުން ކަމަށް ވެސް ރާބް ވިދާޅުވިއެވެ.
"މިހާރު ވެސް އަޅުގަނޑުމެންނާއި އެތައް ބަޔަކު ވަކިވެގެން ހިނގައްޖެ. އެތައް ގުރުބާނީއެއް އަޅުގަނޑުމެން ވެއްޖައިން. މިހާތަނަށް ކުރި މަސައްކަތް އަލުން އަނެއްކާ ކުރަން ޖެހޭ ގޮތައް އެއްވެސް ކަމެއް އިންތިޒާމެއް ނުކުރާނަން." ރާބް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ނިންމާފައި މިވަނީ މެއި މަހުގެ 07 ވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތް ފުރަބަންދުކޮށްފައި ބާއްވާށެވެ.
އިޓަލީވިލާތާއި ސްޕޭން މިހާރު އަލުން ހުޅުވާލަމުން ގެންދިޔަ ނަމަވެސް އެފަދަ ފިޔަވަޅެއް މާއަވަހަށް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރާބް ވިދާޅުވިއެވެ.
ކީއްވެތަ ރާއްޖޭގައި ފުރަބަންދު އެގޮތަށް ނުކިރެވެންވީ... ޕްރޮޓެކްޝަން އީޒް ބެޓަރ ދެން ރިއެކްޝަން