ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު އިތުރު 525 މީހުން މަރުވެއްޖެއެވެ.

އިޓަލީވިލާތުން މިއަދު ވަނީ އިތުރު 3786 މީހުން ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާރު އިޓަލީވިލާތުން ފައްސިވި މީހުންގެ ޖުމްލަ ވަނީ 168941 އަށް އަރާފައެވެ.

އިޓަލީވިލާތުން މިއަދު މަރުވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދުވި ނަމަވެސް މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އިއްޔެ އިޓަލީވިލާތުން މަރުވީ 578 މީހުންނެވެ. އަދި އިއްޔެ ފައްސިވީ 2936 މީހުންނެވެ. އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 22170 އަށް އަރާފައެވެ. ނަމަވެސް މިއަދު ވެސް ވަނީ ހާލު ސީރިއަސް މީހުންގެ އަދަދު މަދުވެފައެވެ. މިހާރު ހާލުސީރިއަސް ވެގެން ފަރުވާ ދެމުން ގެންދަނީ 2936 މީހުންނަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން ގޮސްފައިވާ އިޓަލީގައި މިއަދު އަނެއްކާވެސް ބަލި ޖެހުނު މިހުން އިތުރުވި ސަބަބާއި ގުޅޭ ގޮތުން އެގައުމުގެ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިޓަލީވިލާތުގެ ހާލަތު ރަނގަޅުވާން ފެށުމުން އިއްޔެ އިން ފެށިގެން އެގައުމުގައި ވަނީ ބައެއް ލުއިތައް ދޭން ފަށާފައެވެ. އެގޮތުން ސެލޫން ފަދަ ތަންތަން ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. ނަމަވެސް ގައުުމު އެއްކޮށް ހުޅުވާލާނީ ހަލަތައް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ކަމަށް އިޓަލީވިލާތުގެ ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު