ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 2174 މީހަކު އިއްޔެ މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އަކީ އެއްދުވަސް ތެރޭގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން އެމެރިކާ އިން މަރުވި ދުވަހެވެ. އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވީ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު 6185 މީހުން މަރުވެފައި ވެއެވެ. ބުދަ ދުވަހު 2618 މީހުން މަރުވެފައި ވެއެވެ. އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ ވަނީ މިހާރު 34,641 އަށް އަރާފައެވެ.

އެމެރިކާ އިން އިއްޔެ 29567 މީހުން ފައްސި (ޕޮޒިޓިވް) ވިއެވެ. އިއްޔެ އެމެރިކާ އިން ފައްސިވި މީހުންގެ އަދަދު ވަނީ ބުދަ ދުވަހާއި އަންގާރަ ދުވަހު ފައްސިވި މީހުންގެ އަދަދަށްވުރެ މަދުވެފައެވެ. އަންގާރަ ދުވަހު އެމެރިކާ އިން 30720 މީހުން ފައްސިވިއެވެ. ބުދަ ދުވަހު 30342 މީހުން ފައްސިވިއެވެ.

އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 677,570 އަށް އަރާފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 57,508 މީހުންނެވެ.

އެމެރިކާގެ ސްޓޭޓްތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯސް ސްޓޭޓަކީ ނިއުޔޯކެވެ. ނިއުޔޯކުން މިހާތަނަށް 226,198 މީހުން ފައްސިވެ 16,106 މީހުން ވަނީ މަރުވެފައެވެ. ނިއުޖާޒީން 75,317 މީހުން ފައްސިވެ 3,518 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ސްޓޭޓްތައް އަލުން ހުޅުވާލުގެ ޕްލޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވަނީ ހާމަކޮށްފައެވެ. ޓްރަމްޕް ހާމަކުރި ޕްލޭން ބުނާ ގޮތުގައި ސްޓޭޓްތައް ހުޅުވާލާނެ ދުވަހެއް އެނގޭނީ ގަވަރުނަރުންނަށެވެ. ނަމަވެސް ސްޓޭޓްތައް ހުޅުވާލެވޭނީ އެ ސްޓޭޓެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 14 ދުވަސް ވަންދެން މަދުވަމުން ދިއުމުން ކަމަށް ޕްލޭންގައި ވެއެވެ. އަދި ސްޓޭޓްތައް ހުޅުވާލެވޭނީ އެ ސްޓޭޓެއްގައި ތިބި ބަލި މީހުންނަށް ބުރައަކާއި ނުލައި ފަރުވާ ދެވޭވަރަށް ހޮސްޕިޓަލްތަކުގެ ހާލަތު ރަނގަޅުވުމުން ކަމަށް ވެސް ޕްލޭންގައި ވެއެވެ.

އިޤުތިޞާދީ މަސައްކަތްތައް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެންނަން ޓްރަމްޕް ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިއަހަރު ފަހުކޮޅު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު ގައުމު އިޤުތިޞާދީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުމަކީ ދެވަނަ ދައުރެއް ކާމިޔާބު ކުރަން ޓްރަމްޕަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.