ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާގެ ވޫހާން ގައި ކޮވިޑް-19 ފެތުރެމުން ދިޔައިރު ލިބިފައި ހުރި މައުލޫމާތުތައް އަލުން މުރާޖާކޮށް، އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ކޮވިޑް-19 ޖެހިގެން ވޫހާން އިން އިތުރު 1290 މީހުން މަރުވެފައިވާ ކަމަށް ޗައިނާ ސަރުކާރުން ނިންމައިފިއެވެ. އަދި އިތުރު 325 މީހަކަށް ކޮވިޑް-19 ޖެހުނު ކަމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

އެހެންކަމުން ވޫހާން އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 50333 މީހުން ކަމަށާއި އަދި ވޫހާން އިން މަރުވި މީހުންގެ އަދަދަކީ 3869 ކަމަށް މިހާރު ވަނީ ނިންމާފައެވެ. ބަލި ޖެހުނު މީހުންނާއި މަރުވި މީހުން އަދަދަށް އައި ބަދަލާއި އެކު ކޮވިޑް-19 ޖެހިގެން ޗައިނާ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ މިހާރު 82692 މީހުންނެވެ. އަދި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 4632 އެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވޫހާންގައި ގާއިމްކޮށްފައި ހުރި މުނިސިޕަލް ކައުންސިލުން ބުނީ މަރުވި މީހުންގެ އަދަދު އިތުރުވެފައި ވަނީ ކޮވިޑް-19 ވޫހާންގައި ހަލުވިކަމާއި އެކު ފުރަތަމަ ފެތުރެން ފެށިއިރު ބައެއް މީހުންނަށް ފަރުވާ ދިނުމުގައި ދަތިތައް ދިމާވެ، ގިނަ ބަޔަކު ގޭގައި މަރުވެފައި ވާތީ ކަމަށެވެ. ގޭގައި މަރުވި މީހުން އެއީ ކޮވިޑް-19 ޖެހިގެން މަރުވި މީހުން ކަން އޭރު ކަށަވަރު ނުކުރެވި އޮތުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ގޮތުގައި ލިސްޓް ނުކޮށް އޮތީ ކަމަށް މުނިސިޕަލް ކައުންސިލުން ބުނެއެވެ.

"އެންމެ ފުރަތަމަ ބަލި ބާރަށް ފެތުރެން ފެށުމާއިއެކު ހުރިހާ ސިއްހީ އެހީތެރިން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދިޔަ މަސައްކަތަކީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތާއި، ބަލި މީހުން ޓެސްޓް ކުރުމުގެ މަސައްކަތް. އެހެންކަމުން އެދުވަސްވަރު މަރުވި ބައެއް މީހުންގެ މައުލޫމާތު ވަނީ ސާފު ނުކުރެވިފައި." މުނިސިޕަލް ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެންމެ ފުރިހަމައަށް ރަސްމީ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ދަތިތައް ދިމާވެ، ބައެއް މައުލޫމާތުތައް ނުލިބުމުން ވެސް ކޮވިޑް-19 ޖެހިގެން މަރުވި ބައެއް މީހުންގެ އަދަދުތައް ކުރިން އިއުލާން ނުކުރެވުނު ކަމަށް މުނިސިޕަލް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބައެއް ބަލި މީހުންގެ މައުލޫމާތު ރަސްމީ ފަރާތްތަކަށް ލިބުނުއިރު އެމައުލޫމާތައް ފުރިހަމަ ނުވުމުން ވެސް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ގޮތުގައި ބައެއް މީހުން ލިސްޓް ކުރެވިފައެއް ނެތެވެ.

ނަމަވެސް މިހާރު ވަނީ ވަކިވަކިން ކޮންމެ ކޭސްއެއް ބަލައި، މައުލޫމާތުތައް ކަށަވަރު ކޮށްފައި ކަމަށް ވެސް ވޫހާންގެ އޮފިޝަލުން ވިދާޅުވެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ޗައިނާ އަށް ވުރެ އިތުރުވެފައި ވާތީ އެގައުމުތަކުގެ ވެރިން ގެންދަނީ ޗައިނާ އިން މައުލޫމާތުތައް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް އެތުހުމަތުތައް ޗައިނާ އިން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙޙ

    ކޮންތާކު ޕްރެޝަރައްވެއްޓިގެން އެމެރިކާއިން އެކަމާ ހިފާވަރުން އަދިވެސް ފިގާރސް ރަންގަަޅުވާނެ. ޢެމެރިކާފިއްތާވަރަކަށް

    2
    20
    • ބޯކިބާ

      އެމެރިކާއިން ފިތާ ބޯޅައެއްނޫން ޗައިނާއަކީ. މިކަމުގަވެސް ފިތިފަ އޮތީ އެމެރިކާ. އެމެރިކާ އިނދަޖެހިފައޮތްއިރު އެކަމުން އަރައިގަންނަން ކުރިއަށްއޮތްތާ ހުރިހާ އެއްޗަކަށްވެސް ފިތަންދިމާކުރާނެކަމީ ޔަގީންކަމެއް، އެކަމަކު ޗައިނާއާއި ކުޅެވޭނެފާޑެއް ނުޖަހާ.

      14
      1