މިހާރު ހަކުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސި (ޕޮޒިޓިވް)ވެއްޖެ އެވެ.

އެ ގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މި ވައިރަހަށް ފައްސިވި މީހުންގެ އަދަދަކީ 4785 އެވެ. މިއީ އިއްޔެ އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންނާއި އަޅާބަލާއިރު، 715 މީހުންގެ އިތުރު ވުމެކެވެ.

އެ ގައުމުގައި މި ވައިރަސް އަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ފައްސިވަމުންދާތާ މިހާރު ވަނީ ހަތް ދުވަސް ވެފައެވެ.

މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 36793 އަށް އަރާފައެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން އިތުރު 40 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 313 އަށް އަރާފައެވެ.

ބަލި ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު މި ބައްޔަށް ފައްސި ވެފައިވަނީ އެމެރިކާއިންނެވެ.

ރަޝިއާ ހިމެނޭހެން ދުނިޔޭގެ 210 ގައުމަކާއި، ސަރަހައްދަކުން މިހާތަނަށް ކޮވިޑް-19 ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު