ކޮވިޑް-19 ޖެހިގެން އިޓަލީން އިތުރު 482 މީހަކު މަރުވެއްޖެ އެވެ.

އިޓަލީން އިތުރު ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި މަރުވުމާއެކު މިހާތަނަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް އެޤައުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 23227 އަށް އަރާފައެވެ.

މިއަދު އިޓަލީން ކޮވިޑް-19 ޖެހިގެން 482 މީހަކު މަރުވެފައިވާ ކަން އިދާރަތަކުން ހާމަކޮށްފައި ވާއިރު، މިއީ އިއްޔެ އާއި އަޅާބަލާއިރު 93 މަރު މަދު އަދަދެކެވެ. އިއްޔެ އެކަނިވެސް އިޓަލީން މިބަލީގައި 575 މީހަކު މަރުވިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިޓަލީން ގިނަ ބަޔަކު މަރުވިއިރު، އެޤައުމުން 3491 މީހަކު ވަނީ ވައިރަސް އަށް އަލަށް ފައްސިވެސް ވެފައެވެ. މިއާއެކު އިޓަލީން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 175925 އަށް އަރާފައެވެ.

އިޓަލީ އަކީ ދުނިޔެއިން ކޮވިޑް-19 ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ ޤައުމެވެ. އަދި ތިންވަނައަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ ވެސް އިޓަލީންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އިޓަލީން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން މިހާތަނަށް 44927 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2733 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެހެންކަމުން އެޤައުމުން މި ވައިރަސްގައި މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ވަނީ ފެނިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި ޖެހުނު މީހުންގެ އަދަދު 2306588 އަށް އަރާއިރު، އޭގެތެރެއިން 158705 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ ޖުމްލަ 590367 މީހެކެވެ.