ޔަމަނުގައި ހަރަކާތް ތެރިވާ ހޫތީން ހަގުރާމަވެރިން ހުކުރު ދުވަހު ސައުދީއަށް ދިން މިސައިލް ހަމަލާއެއްގައި އެކަކު މަރުވެއްޖެއެވެ.

ސައުދީގެ ސުވިލް ޑިފެންސް އޮތޯރިޓީން ބުނާގޮތުގައި ހުކުރު ދުވަހު ސައުދީއަށް ދިން މިސައިލް ހަމަލާގައި މަރުވެފައިވަނީ ސައުދީގެ ރައްޔިތެއް ކަމަށެވެ.

ސައުދީގެ ޖަޒާން ޕްރިވިންސްއަށް ހުކުރު ދުވަހު ހޫތީން ފިނުވާލި މިސައިލް ތަކުގެ ތެރެއިން ގިނަ މިސައިލް ސައުދީގެ ސިފައިން ވަނީ ކާމިޔާބު ކަމާއެކު ވައްޓާލާފައެވެ.

ހުކުރު ދުވަހު ސައުދީގެ ޖަޒާން ޕްރޮވިންސްއަށް އަމާޒުވި މިސައިލް ހަމަލާގައި ތިން ގޭގެ އިތުރުން 2 ވެހިކަލަކަަށް ވަނީ ގެއްލުން ވެފައެވެ.

މި ޙަމަލާ ދީފައި މިވަނީ، ސައުދީއަށް އަމާޒުކޮށް ޙަމަލާދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ހޫތީން ދީފައިވަނިކޮށެވެ. އެގޮތުން މިއަހަރު ވެގެންދާނީ "ބްލާސްޓިކް މިސައިލްގެ އަހަރަކަށް" ކަމަށް ސައުދީއަށް އިންޒާރު ދެމުން އެ ޖަމާޢަތުން ބުނެފައިވެއެވެ.

ސައުދީއަށް އަމާޒުކޮށް މިދިޔަ އަހަރުން ފެށިގެން ގިނަ މިސައިލް ހަމަލާތަކެއް ދޭތެރެ ދޭތެރެއިން ދެމުންދާއިރު، ސައުދީ އިން ދަނީ ކޮންމެ ފަހަރަކުވެސް މިސައިލް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލަމުންނެވެ.

ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިންނަށް ސައުދީ އާއި ދެކޮޅަށް ޙަމަލާ ދިނުމަށް ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެ ޖަމާޢަތަށް ވާގިވެރިވާ އީރާނުންނެވެ. ނަމަވެސް އެޤައުމުން ދަނީ އެކަން ދޮގު ކުރަމުންނެވެ.