ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ހަ ލައްކަ އަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް 2.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. މި ބަލީގައި 160,896 މީހުން މަރުވެފައިވާ އިރު، މި ބަލިން ރަނގަޅުވެފައި ވަނީ 600,703 މީހުންނެވެ. އެކަމަކު، މި ބަލިން ރަނގަޅުވާ ބައެއް މީހުންނަށް އަލުން ބަލި ޖެހޭ ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް ބަލީގެ ވޭން ތަހަންމަލް ކުރަމުންދާ 1.5 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެތެރެއިން 55,270 މީހުންގެ ހާލު ސީރިއަސްއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރަނގަޅުވެފައި ވަނީ ޖަރުމަނު ވިލާތުންނެވެ. އެ ގައުމުން 143,724 މީހަކަށް ބަލި ޖެހުނު ނަމަވެސް 88,000 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ގިނަ ބަޔަކަށް ޖެހިފައި ވަނީ އެމެރިކާގާއެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު 738,923 އަށް އަރާފައިވާ އިރު، އެ ގައުމުން މަރުވި މީހުންގެ އަދަދު 39,015 އަށް ވަނީ އަރައިފައެވެ. މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ ވެސް އެމެރިކާގައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު މަދު ނުވި ނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ ބޮޑު ތަން މަދުވެފައެވެ.