ކޮވިޑް-19 ފެތުރެން ފެށިގެން އެ ބަލީގައި ނުރައްކާ އެންމެ ބޮޑަށް ބޮޑުވެފައިވާ ސްޕެއިންގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްވެއްޖެ އެވެ.

ފާއިތުވި 24 ގަޑިއިރު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 410 މީހެކެވެ. މިޔާއި އެކު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 20,453 އަށް އަރާފައެވެ.

އެގައުމުން ފާއިތުވި 24 ގަޑިއިރު 410 މީހަކު މަރުވެފައިވާއިރު، އިއްޔެ އެގައުމުން މި ބަލި ޖެހިގެން މަރުވެފައިވަނީ 565 މީހެކެވެ.

ސްޕެއިން އަކީ އެމެރިކާ ދޫކޮށް ދެވަނައަށް މިހާތަނަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ. އަދި 3 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެސް ވެފައިވާ ގައުމެވެ.

އެގައުމުން އިތުރު 1,528 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ މިހާތަނަށް އެގައުމުން 195,944 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި 77,357 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 7,371 މީހެއްގެ ހާލު ސީރިއަސް ވެގެން އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫރަޕްގެ ހުރިހާ ބޯޑަރުތަކެއްވެސް ބަންދު ކޮށްފައި ވާއިރު، ސްޕެއިންގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާން ކޮށްފައެވެ.

ސްޕެއިން ހިމެނޭހެން ދުނިޔޭގެ 210 ގައުމާއި ސަރަހައްދަކަށް މި ބަލި ވަނީ ފެތުރިފައެވެ. މިހާތަނަށް ދުނިޔެއަށް ބަލާއިރު މި ބަލި ޖެހިގެން 2.3 މިލިއަނަށް ވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައެވެ. އަދި އެއްލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު