ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ބައެއް ބީޗުތަކާއި ޕާކުތައް ހުޅުވައިފިއެވެ. ފްލޮރިޑާގައި މިގޮތަށް ނިންމާފައި ވަނީ، ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އާންމު ތަންތަން ހުޅުވާލުމަކީ ނުރައްކާ ދެގުނަވެގެންދާނެ ކަމެއްކަމަށް އިދާރާތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އިއްޔެ ފްލޮރިޑާގެ ބައެއް ބީޗުތަކާއި ޕާކުތައް އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައި ވާއިރު، މި ނިންމުން ނިންމާފައިވަނީ އެ ސްޓޭޓުގެ މޭޔަރ، ލެނީ ކަރީ އަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. ލެނީ މިގޮތަށް ނިންމާފައި މިވަނީ، ކޮވިޑް-19 ފެތުރެމުން ދިޔަނަމަވެސް އެމެރިކާ އަލުން ހުޅުވާލުމަށް އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ވަނީ ޓްރަމްޕް އަބަދުވެސް އޭނާގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ރަނގަޅުކަމަށް ބުނަމުން އަންނަނިކޮށް މިހާރުގެ ހާލަތުން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން، މީގެ ކުރިންވެސް ޓްރަމްޕް ވަނީ އެޤައުމުގެ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

ފްލޮރިޑާގެ ބީޗުތަކާއި ޕާކުތައް ހުޅުވުމަށް ނިންމައި އެކަން އިއުލާނުކުރަމުން އެ ސްޓޭޓުގެ މޭޔަރު ބުނެފައިވަނީ، އެތަންތަނުގައި އާންމުންނަށް ގޮސް އުޅެވޭނެ ކަމަށާއި، މޫދަށް އެރިއުޅުމާއި ހިނގާލަން ދިއުމާއި ދުއްވާލަން ދިއުމުގެ އިތުރުން އެއްވެ އުޅުން ފަދަ ކަންކަން އެތަންތަނުގައި ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް މިތަންތަނުގައި މީހުން އުޅޭ އުޅުމުގައި ގައިދުރުކަމަށް ސަމާލުކަންދޭން ވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

މޭޔަރު ލެނީ ބުނެފައިވާ ގޮތުގައި މި ނިންމުމަކީ، "އަލުން އަނބުރާ އާދައިގެ ދިރިއުޅުމަކަށް ދެވެން އޮތް މަގު" ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ އެމެރިކާއަށް ބޮޑުވެފައިވާ މި ދުވަސްވަރު، ފްލޮރިޑާގެ ބީޗުތަކާއި ޕާކުތައް ހުޅުވުމުން ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސިއްޙީ ތަޖުރިބާކާރުން އެ ނިންމުން ތަންފީޒު ކުރުމުގެ ކުރިންވެސް އެފަދަ ފިޔަވަޅެއް ނޭޅުމަށާއި، އެކަމުގެ ނުރައްކާ ހާމަކޮށް ދެއްކި ވާހަކަތަކަށް މޭޔަރު ލެނީ ދީފައި ވަނީ ބީރު ކަންފަތެކެވެ.

ދުނިޔެއިން ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާގެ ފްލޮރިޑާއަކީ އަށްވަނައަށް އެޤައުމުން އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާ ސްޓޭޓެވެ. މިހާތަނަށް އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވީ 738923 މީހުންގެ ތެރެއިން 25492 މީހުން ނިސްބަތްވަނީ ފްލޮރިޑާއަށެވެ. އަދި އެޤައުމުން މި ބަލީގައި މަރުވި 39015 މީހުންގެ ތެރެއިން ފްލޮރިޑާއަށް ނިސްބަތްވާ 748 މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލްޖިބްރާ

    ހަލާކުވެ ފަނާވެ ނިމިދާނެ ބަޔަކަށް އެއްވެސް ރަގަޅުގޮތެއް ނުވިސްނޭނެ !

    34
    1
  2. ހިޔާލު

    ބުއްދިވެރި ނިންމުމެއް

    8
    34
  3. ރާކް

    އިގްތިސާދު ހަލާކުވީމަ އަމިއްލައަށް މަރުވާ މީހުން މާގިނަ ކޮވިޑަށްވުރެ އެެމެރިކާގަ

    26
    • ހުސޭނުބޭ

      އެހެންވިއްޔާ އިގްތިޞާދު ހަލާކުވެގެން ޓަރަމްޕް އަމިއްލައަށް ދަންޖެހޭނެތާ!

      12
  4. ރާއި

    ރަނގަޅު ނިންމުމެއް. ޓްރަމްޕާއި އެމެރިކާގެ ބައެއް މޭޔަރުންނަށް އެކަނި ހެޔޮ މި ވިސްނެނީ.

    11
    30
    • ޢަލި

      ކަލެއަށް ވެސް ތިއޮތީ ހެޔޮ ވިސްނިފަނު

      15
      1