ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ މައި ރަށް ކަމަށްވާ ހޮންޝޫގެ އިރުމަތީ އައްސޭރީގެ ސަރަޙައްދަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި، މީގެ އިރުކޮޅެއްކުރިން ހޮންޝޫ އަށް އައި މި ބިންހެލުމުގެ ބާރުމިން، ރެކްޓަރ މިންގަނޑުން 6.4 އަށް އަރައެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެ ސަރަޙައްދުގެ ބިމުގެ 60 ކިލޯމީޓަރު އަޑިންނެވެ.

ނޫސްތައް ބުނާގޮތުގައި މި ބިންހެލުން އައި ވަގުތު އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކަށް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވިގެން ރިޕޯޓްކޮށްފައި ވެއެވެ.

މި ބިންހެލުމާއި ގުޅިގެން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިވާކަމެއް އަދި ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން އެ ސަރަޙައްދުގައި ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއްވެސް މިހާތަނަށް އިދާރާއަކުން ދީފައި ނުވެއެވެ.

މިރޭ ބިންހެލުން އައި ހޮންޝޫގެ އިރުމަތީ ސަރަޙައްދަކީ ޖަޕާނުގެ ވެރިކަންކުރާ ޓޯކިޔޯވެސް އޮންނަ ރަށެވެ. މިއީ 13.6 މިލިއަންއަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސަރަޙައްދެކެވެ.