ކެނެޑާގެ އަވަށެއްގައި ބަޑީގެ ހަމަލާތަކެއްދީ ގިނަ ބަޔަކު މަރާލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހަމަލާތައް ދީފައި ވަނީ ކެނެޑާގެ ނޯވާ ސްކޯޓިއާ ޕްރޮވިންސުގެ އަވަށެއްގައެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ. އަދި އިތުރު ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ދަނީ ފަރުވާދެމުންނެވެ.

މި ހަމަލާތަކާއި ގުޅިގެން އެ ޕްރޮވިންސުގެ ސަލާމަތީ ބާރުތަކާއި، ހަމަލާ ދިން މީހާ އާއި ދެމެދު ގިނައިރުތަކެއް ވަންދެން ކުރިމަތިލުންތައް ހިނގާފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އެއަށްފަހު ފިލަންވެގެން ވެހިކަލެއްގައި ދަތުރުކޮށްފައި ދަނިކޮށް އެސަރަޙައްދުގެ ހައިވޭއެއްގެ މަތިން މިހާރު އޭނާ ހިފަހައްޓައި ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ހަމަލާތަކާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 51 އަހަރުގެ މީހެކެވެ. ނަމަވެސް އޭނާއަކީ ނިރުބަވެރި ޖަމާޢަތަކާއި ގުޅުން އޮންނަ މީހެއްކަމެއް ނުވަތަ ނޫންކަމެއް އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ހަމަލާދިން މީހާ ހުރީ އަސްކަރީ ޔުނީފޯމެއްގައެވެ. އޭނާއަކީ ކުރިން ކެނެޑާގެ އަސްކަރިއްޔާގައި މަސައްކަތްކުރި މީހެއް ކަމަށް ވެސް ބައެއް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

މި ހަމަލާ ދީފައިވާ އަވަށަކީ 250 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ކުޑަ އަވަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބޭޗާރާ

  ޑިމޮކްރަސީގެ ކަރާމަތާއި އިއްޒަތްތެރިކަން.

  9
  2
 2. ކުލި

  ތީ މުސްލިމެއްނަމަ ވާނީ ޓެރަރިސްޓް ހަނަލާއަކއް ނޫނީވާނީ ނަފްސާނި ބަލިމީހަކައް،

  6
  2