ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 2.4 މިލިއަން އަށް އަރައިފި އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2402980 އަށް އަރާފައެވެ.

މި ވައިރަސް މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ވަނީ ފެނިފައެވެ.

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައްސިވީ މީހުންގެ އަދަދު 2.4 މިލިއަން އަށް އަރާފައިވާއިރު، މިހާތަނަށް މި ބަލީގައި 165641 މީހަކު ވަނީ މަރުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 615703 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި 54215 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން މި ވައިރަސް ފެނިފައިވާ ޤައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސި ވެފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 762496 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 23704 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރު އެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ.

މިއީ ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައި ނުވާވަރުގެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވާއިރު، ވައިރަސް ފެތުރެން ފެށުމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު