ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1539 މީހަކު އިއްޔެ މަރުވެއްޖެއެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 40,565 އަށް އަރާފައެވެ. ނަމަވެސް އިއްޔެ އަކީ ފާއިތުވި ހަތް ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. ފާއިތުވި ހަތަރު ދުވަހު އެއްދުވަހުން އަނެއް ދުވަހަށް އެމެރިކާގައި މަރުވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

އިއްޔެ އެމެރިކާ އިން 25040 މީހުން ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. ފައްސިވި މީހުންގެ އަދަދު ވެސް އިއްޔެ ވަނީ މަދުވެފައެވެ. އިއްޔެ އަކީ ފާއިތުވި 14 ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 764,265 އަށް އަރާފައެވެ. އޭގެތެރެއިން 71,012 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ.

އެމެރިކާގައި ބަލި ޖެހޭ މީހުންނާއި، މަރުވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް އަދި އެމެރިކާގެ ހާލަތު ރަނގަޅު ވަމުން އަންނަނީ ކަމަށް ނިންމަން މާއަވަސް ކަމަށް ތަޖުރިބާކާރުން ވެސް ވިދާޅުވެއެވެ.

އެމެރިކާ ހުޅުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ގެންދަނީ ބާރުއަޅަމުންނެވެ. ލަސް ވޭގަސްގައި ކޮވިޑް-19 ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ އެސަރަހައްދުގެ ބައެއް ވިޔަފާރިތައް ބަންދުކުރަން ގަވަރުނަރު ނިންމި ނިންމުމަށް ޓްރަމްޕް ރޭ ވަނީ ފާޑުކިޔާފައެވެ. ޓްރަމްޕް ބުނީ ލަސްވޭގަސްގެ ވިޔަފާރިތައް ބަންދު ކުރަން ނިންމި ނިންމުމަކީ ވަރަށް މޮޔަ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕަށް ލަފާއަރުވާ އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ދެން އެމެރިކާގައި ބަލި ޖެހޭ މީހުންގެ އަދަދު ދާނީ ދަށަށެވެ. ނަމަވެސް ދެވަނަ ރާޅެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހާލަތުން އަރައި ގަނެވޭނީ ވެކްސިނެއް އުފެއްދިގެން ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައްލު

    ޥަރަށްފުރިހަމަ...

  2. ސަމްސިއްޔާ

    މިމީހުން ދެވަނަ ރާޅު މިކިއަނީ ކޯއްޗަކަށްތަ؟؟ ފުރަތަމަ ރާޅުން ސަލާމަތްވާތް އަދި ގާތްވެސް ނުވޭ. ޗައިނާ މީހުން ދެވަނަ ރާޅޭބުނުން އެންމެ ރަނގަޅު. އެއި ޗައިނާގައި އެތޮތީ ބަލި ކޮންޓްރޯލް ކޮށްފައި. އެމެރިކާގައި އަދި ބަލީގެ ކޮންޓްރޯ އޮތް ހިސާބެއްވެސް ނޭންގެ. ދެވަނަ ރާޅޯ.