މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދުﷲ ގެ ކާރުކޮޅަށް އަމާޒުކޮށް ދިން ހަމަލާ ރާވާފައިވަނީ ހަމާސް ޖަމާއަތުން ނޫންކަމަށާއި އެކަން ރާވާފައިވަނީ ފަލަސްތީނުގެ އިންޓެލިޖެންސް އިން ކަމަށް ޣައްޒާ ކޮންޓްރޯލުކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ރާމީ ހަމްދުﷲ ގެ މޮޓޯކޭޑަށް ހަމަލާ ދީފައިވާއިރު ބޮޑުވަޒީރާއެކު އެޤައުމުގެ އިންޓެލިޖެންސްގެ ވެރިޔާވެސް އެކާރުކޮޅުގައި އިންނެވިއެވެ. މި ހަމަލާ ދީފައިވަނީ އެކާރުކޮޅު އުތުރު ޣައްޒާގެ ބައިތު ހަނޫނު ހުރަސްކުރިތަނާއެވެ.

ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއްކަމުގައިވާ އިޔާދު އަލް ބޮޒޮމް ވިދާޅުވެފައިވަނީ އެޖަމާޢަތުން މިކަމުގައި ފަލަސްތީނުގެ އިންޓެލިޖެންސް ކުށްވެރިނުކުރާކަމަށާއި އެހެންނަމަވެސް، މި ހަމަލާ ރާވާފައިވަނީ އިންޓެލިޖެންސްގައި މަސައްކަތް ކުރާ އޮފިސަރެއްކަމަށެވެ. އަދި، މިކަން ކޮށްފައިވަނީ ބްރިގޭޑިޔާ ޖެނެރަލް ބަހާ ބަލޫޝާކަމަށް ވެސް އިޔާދު ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް، ހަމާސް ޖަމާއަތުން ބުނެފައިވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް، ޣައްޒާ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމުގައި ޝައްކުވެގެން ހައްޔަރުކުރި ހުރިހާ ފަރާތްތަކަކުންވެސް، އެއީ ޖާސޫސް ބަލޫޝާ ކުރިކަމެއް ކަމަށް ބުނެފައިވާކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.

ހަމާސް ޖަމާއަތުން މިހެން ބުނެފައިވާއިރު އެޖަމާއަތާއި ފަލަސްތީނު މައި ސަރުކާރާ ދެމެދު ގުޅުން ވަރަށް ގޯހެކެވެ. ސަރުކާރު ހިންގާ ފަތަހަ ޖަމާޢަތާއި ހަމާސްގެ ދެކޮޅު ވެރިކަމުގެ ސަބަބުން ފަލަސްތީންގައި ސިޔާސީ މަސްރަހަށް ވެސް ހަމަޖެހުމެއް ނާދެއެވެ.