އުތުރު ކޮރެޔާ އާއި ދެކުނު ކޮރެޔާގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސް، ސުލްހަ ޤާއިމްކުރެވުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށާއި އެހެންނަމަވެސް، އުތުރު ކޮރެޔާއަށް އަދި ދުލެއް ނުދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

ޓްރަމްޕް ބުނެފައިވަނީ އެމެރިކާގައި ވެރިކަން ކުރި އެހެން ރައީސުންނާއި އެފަރާތްތަކުގެ ސަރުކާރުތަކުން އުތުރު ކޮރެޔާއަށް ދޫ ދީފައިވުމަކީ ކޮށްފައިވާ ގޯސްކަމެއް ކަމަށެވެ. އެހެންކަމުން، އެފަރާތްތަކުން ކޮށްފައިވާ ނުރަނގަޅު ކަމެއް އޭނާ ތަކުރާރު ނުކުރާނެކަމަށް ބުންޏެވެ. ދޫ ދޭނަމަ ދޫ ދޭނީ އެއްކޮށް ނިއުކްލިޔަރ ބާރުވެރިކަން ދޫކޮށްލުމުންކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.

ދެ ކޮރެޔާފެ ވެރިންގެ މެދުގައި ބާއްވާފައިވާ ތާރީޚީ މަޝްވަރާ ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްވެސްވަނީ ނިންމާފައެވެ. ހަމައެހެންމެ، ކޮރެޔާ ޖަޒީރާ ނުވަތަ ކޮރެޔަން ޕެނިންސިއުލާ އަކީ އެއްކޮށް ނިއުކްލިޔަރ އެއްވެސް ބާރުވެރިކަމެއް ނެތް ތަނަކަށް ހެދުމަށް ދެ ކޮރެޔާގެ މެދުގައިވަނީ އެއްބަސްވެފައެވެ.

މި ނިންމުންތަކަށް ޢަމަލު ކުރުމުގެ ގޮތުން މެއި މަހުގެ ތެރޭގައި އުތުރު ކޮރެޔާގައި ހުރި ބައެއް ނިއުކްލިޔަރ ޕްލާންޓުތައް ބަންދުކުރަން ނިންމާފައިވާކަމަށް އެޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވެއެވެ.

އުތުރު ކޮރެޔާގެ ލީޑަރު، ކިމް ޖޮންގ އުން ދެކުނު ކޮރެޔާގެ ލީޑަރާ ބައްދަލުކޮށްފައިވާއިރު ކިމް އާއި ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.