ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 454 މީހަކު މަރުވެއްޖެއެވެ. އިޓަލީން އިއްޔެ މަރުވި މީހުންނަށް ވުރެ މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އިއްޔެ އެގައުމުން މަރުވީ 433 މީހުންނެވެ.

އިޓަލީން މިއަދު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 2,256 މީހުންނެވެ. މިއަދަކީ މާޗް މަހުގެ 10 ވަނަ ދުވަހަށް ފަހު އިޓަލީން އެއްދުވަސް ތެރޭގައި އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިޓަލީން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 181,228 އަށް އަރާފައެވެ. އޭގެތެރެއިން 24,114 މީހުން ވަނީ މަރުވެފައެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޓިވް ޗީފް އެންގެލޯ ބޮރެއްލީ ވިދާޅުވީ ކޮވިޑް-19 ޖެހެމުން އަންނަ މީހުންގެ އަދަދު މަދުވެ، ބަލިން ރަނގަޅު ވަމުން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ހާލަތު ހަމައަކަށް އެޅިފައި ނުވާކަމަށާއި ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނިކުތުން އެއީ ރަނގަޅުކަމެއް ނޫން ކަމަށް ބޮރެއްލީ ވިދާޅުވިއެވެ.

އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން ގެންދިޔަ އިޓަލީގެ ސިޓީތަކުގައި ވެސް މިހާރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

އިޓަލީގެ ހާލަތު މިހާރު ކޮންޓްރޯލް ވަމުން އަންނައިރު އެގައުމުން ގެންދަނީ މިހާރު މީހުން ބޭރަށް ނިކުތުމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ވެސް ދެމުންނެވެ. އެގޮތުން ސެލޫންތަކާއި ލޯންޑަރީތައް ވެސް މިހާރު ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ.