އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ނުރައްކާތެރި އޮޕަރޭޝަނަކަށް ފަހު މަރާއި ހަނގުރާމަ ކުރަމުން ގެންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ނުރައްކާތެރި އޮޕަރޭޝަނަކަށް ފަހު ކިމްގެ ހާލު ދެރަވެފައިވާ ކަމަށް ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ "ސީއެންއެން" އިންނެވެ. އޭގެ ފަހުން "ބްލޫމްބާގް" އާއި "ވޮޝިންޓަން ޓައިމްސް" އަދި ހުޅަނގުގެ އެހެން ބައެއް މީޑިއާތަކުން ވެސް ވަނީ މި ރިޕޯޓް ގެނެސްދީފައެވެ.

ހުޅަނގުގެ މީޑިއާތަކުން ކިމްގެ ޚަބަރު ގެނެސް ދީފައި ވަނީ އިތުބާރު ކުރެވޭ ފަރާތަކާއި ހަވާލާދީ ކަމަށް ބުނެއެވެ. ނަމަވެސް ރަސްމީކޮށް ކިމްގެ ހާލަތާއި ބެހޭ ގޮތުން އުތުރު ކޮރެއާގެ އެއްވެސް ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

"ސީއެންއެން" އިން ބުނާ ގޮތުގައި ކިމްގެ ހިތައް ލޭ ފޮނުވައިދިނުމުގައި މައްސަލަތަކެއް ކުރިމަވުމުން ނުރައްކާތެރި އޮޕަރޭޝަނެއް ކޮށްފައި ވަނީ އެގައުމުގެ އުތުރުގައި އޮންނަ ރިސޯޓް ރަށެއްގެ ހޮސްޕިޓަލެއްގައި އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. އޮޕަރޭޝަނަށް ފަހު އަދިވެސް ކިމްގެ ހާލު ރަނގަޅު ވަމުން ނާންނަ ކަމަށް "ސީއެންއެން" އިން ބުނެއެވެ.

ހުޅަނގުގެ އެހެން ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ކިމް ހިތުގެ އޮޕަރޭޝަނަކަށް ފަހު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު މީޑިއާއެއްގައި ވަނީ ކިމްގެ ސިކުނޑިއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަން ކުއްލިއަކަށް އެނގިގެން އެކަމަށް ފަރުވާ ހޯދަމުން ގެންދާކަމަށް ބުނެފައެވެ. ތިންވަނަ ތިއަރީގައި ބުނެފައި ވަނީ ކިމްގެ ކުޑަހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން ގެންދާ ކަމަށެވެ.

އަބަދުވެސް އެކަހެރިކޮށް އޮންނަ އުތުރު ކޮރެއާ އާއި ބެހޭ ގޮތުން ހުޅަނގުގެ މީޑިއާތަކުން މިފަދަ ވާހަކަތައް ދެއްކުން އެއީ އާއްމު ކަމެކެވެ. މީގެ ކުރިން ވެސް ކިމްގެ ސިއްހީ ހާލަތާއި ބެހޭ ގޮތުން ހުޅަނގުގެ މީޑިއާތަކުން ތަފާތު ވާހަކަތައް ދައްކާފައި ވެއެވެ.