ތިން އާއްމު އިންތިޚާބު ބާއްވައިގެން ވެސް އިސްރާއީލްގައި ސަރުކާރެއް އެކުލަވައި ނުލެވި، އަދި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ބެނީ ގެންޓްސް އާއި ބޮޑުވަޒީރު ނަތަންޔާހޫ އަށް ވެސް ވަކިން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ތާއިދު ނުލިބުމުން ނަތަންޔާހޫ އާއި ބެނީ އެންމެ ފަހުން ކޯލިޝަން ހަދައިފިއެވެ.

އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެފައި ވަނިކޮށް އަލުން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ ލީޑަރުން ވެސް ނިންމީ މިވަގުތު ކޯލިޝަނެއް ހަދައިގެން އިސްރާއީލްގައި ސަރުކާރެއް އެކުލަވާލާށެވެ. 14 ޞަފްހާގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރުގެ އެއްބަސްވުމުގައި ދެ ލީޑަރުން މިހާރު ވަނީ ސޮއި ކޮށްފައެވެ.

އެއްބަސްވުން ބުނާ ގޮތުގައި ކޯލިޝަން ދެމިއޮންނާނީ 36 މަސް ދުވަހަށެވެ. އޭގެ ތެރެއިން ފުރަތަމަ ހަމަސް ދުވަހަކީ "ކުއްލި ހާލަތުގެ މުއްދަތެވެ."

ކުއްލި ހާލަތުގެ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކުރެވިދާނެ ކަމަށާއި މިމުއްދަތުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅޭ ޤާނޫނެއް ފިޔަވައި އިތުރު އެއްވެސް ޤާނޫނެއް ފާސް ކުރަން ތާއިދު ކުރަން އެއްވެސް ޕާޓީއަކަށް މަޖުބޫރު ނުވާނެ ކަމަށް އެއްބަސްވުމުގައި ވެއެވެ. ކުއްލި ހާލަތުގެ މުއްދަތުގައި ކޮވިޑް-19 އާއި ގުޅޭ ޤާނޫނުތައް ފިޔަވައި އެހެން ޤާނޫނުތައް ވީޓޯ ކުރުމުގެ އިހްތިޔާރު ދެލީޑަރުން ކުރެ ކޮންމެ ލީޑަރަކަށް ވެސް އެބައޮތެވެ.

މިއެއްބަސްވުމުގެ ދަށުން ވެސް ބޮޑުވަޒީރު ކަމުގައި ހުންނާނީ ނަތަންޔާހޫ އެވެ.

ނަމަވެސް އިސްރާއީލްގެ އެންމެ ބާރުގަދަ އެއް ކޮމެޓީ ކަމަށްވާ ވަޒީރުންގެ މައްޗަށް އެކުލެވޭ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގައި ދެޕާޓީގެ މެންބަރުން ތިބޭނީ ހަމަހަމައަށެވެ. އެހެންކަމުން ދެޕާޓީގެ ތާއީދު ނެތި އެއްވެސް ހަނގުރާމައެއް ނުފެށޭނެއެވެ.

އިސްރާއީލްގެ އެންމެ ވަރުގަދަ ދެ ލީޑަރުން ކޯލިޝަން ހެދުމުން އިދިކޮޅު ފަރާތްތަކުގެ އަޑު ވަރަށް ބޮޑަށް މަޑުވެގެން ދާނެ އެވެ. ނަމަވެސް ބެނީ ބުނީ މިނިންމުން ނިންމީ ޑިމޮކްރަސީ ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.