ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅެމުންދާ ހުރިހާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނިންމައިފިއެވެ.

"އަލް އަރަބިއްޔާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން މިކަން ކުރުމަށް ނިންމީ އެގައުމުގައި ކޮވިޑް-19 ފެތުރެމުންދާއިރު، މިކަން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވުމުންނެވެ.

މިހާތަނަށް އެ ގައުމުން 7000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 ވައިރަހަށް ފައްސިވެފައިވާ އިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ވަނީ 484 ކޮވިޑް-19 ގެ އާ ކޭސްތައް ވަނީ ފެނިފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އެގައުމުން މިހާތަނަށް މަރުވެފައި ވަނީ 43 މީހުންނެވެ.

ކޮވިޑް-19 ހުއްޓުވުމަށް އެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރެސްޓޯރެންޓު ފަދަ ތަންތަން ބަންދުކުރުމާއި ވިޔަފާރިކުރާ ބޮޑެތި ތަންތަން ބަންދުކުރުމާއި، ޑެލިވަރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުރުން ހިމެނެއެވެ. އަދި މިހާރު އެގައުމުން ވަނީ ގިނަ ފްލައިޓު ދަތުރުތައް ވެސް މެދުކަނޑާލައިފައެވެ.

މިހާރު ވެސް އެ ގައުމުން ދަނީ ގިނަ ބަޔަކު ޓެސްޓު ކުރަމުންނެވެ. ނަމަވެސް މި ޕްރޮގްރާމް އިތުރަށް ފުޅާ ކޮށް އެގައުމުގައި ދިރިއުޅެމުންދާ މީހުން ހިމެނޭހެން ހުރިހާ ރައްޔިތުން ބައްޔަށް ޓެސްޓުކުރުމަށް ނިންމާފައިވާ ކަމަށްވެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން އެގައުމުގެ ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ. އެގައުމުގައި މިހާތަނަށް ވަނީ މި ބައްޔަށް ޓެސްޓު ކުރެވޭނެ އަދި ތަފާތު ހޯދުންތައް ހޯދޭނެ ބޮޑު ލެބޯޓަރީ އެއް ހުޅުވާފައިވެއެވެ. މި ބައްޔަށް ރައްޔިތުން ޓެސްޓުކުރުމުގެ ކަންކަން ވެސް އިންތިޒާމްކުރުމަށް މަސައްކަތް ކުރަމުން އަންނަނީ އެއްވެސް ވަރަކަށް އިތުރަށް ބަލި ފެތުރިގެން ނުދާނެ ގަވައިދުތަކަކާ އެކު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަށް ގެއަށް ގޮސް ޓެސްޓު ކުރުމުގެ ހިދުމަތް ވެސް މިހާރު ފަށާފައިވާ ކަމަށް އަލް އަރަބިއްޔާ އިން ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ނަޒްލާ ބުނީ އެއްވެސް ގައުމަކުން އެންމެނެއް ޓެސްޓެއް ނުކުރެވޭނެއޭ.
    އެކަމު ޔޫއޭއީ އަށް ޕޮސިބަލް ކަމެއް އެންމެން ޓެސްޓުކުރުން.
    ޔޫއޭއީ އަށް އެކަން ވަންޏާ ރާއްޖޭގަ ވެސް އެންމެން ޓެސްޓުކުރެވޭނެ.
    މައްހީވަނީ އިބޫ އަތު އެހާވަރަށް ފައިސާ ނެތީ ކަަންނޭގެ ޓެސްޓު ކިޓު ގެންނަން.
    ލައްކައެއްހާ ގިނަ ޓެސްޓު ކިޓު ރާއްޖެއައް ގެނެވިއްޖެއްޔާ މާރީއްޗައްވެސް އެންމެން ޓެސްޓު ކުރެވޭނެ.

    13
    4
  2. ީ?

    ސަރުކާރުން މިކަހަލަ ވިސްނު މެއް ނާދޭތޯ؟?